އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފެށި، އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ރައީސްގެ ޚާއްސަ މަންދޫބުގެ ވާހަކަފުޅުގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށް ގޮވާލެއްވި އެވެ. ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައީސްގެ ޚާއްސަ މަންދޫބު އިސްލާމީ ގައުމުތަކުގެ ފަރާތުން އެދިވަޑައިގެންނެވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިޒްރޭލް ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ގައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރެއްވުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ދިވެހި ރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ފަލަސްތީނަށް އ.ދ.ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ވެސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިޔަންމާގައި ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ފާހަގަކުރައްވައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މިޔަންމާއާ ދެކޮޅަށް ގެމްބިއާ އިން ހުށަހަޅާފައިވާ މައްސަލައިގައި އެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގައި ގާތުން މަސައްކަތްކުރުމަށް ދިވެހި ރާއްޖެއިން ޝައުގުވެރިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު ވަނީ ވިދާޅުވެފަ އެވެ.

https://www.instagram.com/tv/C6kNwsmAS-f/?igsh=MTc4MmM1YmI2Ng%3D%3D

އަދި އިސްލާމްދީނަށް ފުރައްސާރަކުރުމާއި އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށްޓަކައި، އިސްލާމްދީނުގައި ބާރުއަޅާ ސުލްހަވެރި އެކުވެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ކެތްތެރިކަން އިސްކުރުން ފަދަ އަސްލުތަކުގެ މައުލޫމާތު ފެތުރުމުގެ މުހިންމުކަން ރައީސްގެ ޚާއްސަ މަންދޫބު ފާހަގަކުރެއްވި އެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓް ކުރިއަށްދާނީ މި ހިނގާ މެއި މަހުގެ 4-5 އަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" މި އެވެ.

މި އަހަރުގެ ސަމިޓްގައި 14 ވަނަ އިސްލާމިކް ސަމިޓުގެ ރިޔާސަތު ބެލެހެއްޓެވި ސަޢޫދީ އަރަބިއްޔާއިން ވަނީ ސަމިޓުގެ ރިޔާސަތު ބެލެހެއްޓުން ގެމްބިއާއާ ހަވާލުކޮށްފަ އެވެ. މި ސަމިޓުގައި ތިން ލިޔުމަކަށް ގޮތެއް ނިންމެވުން ހިމަނާފައިވެ އެވެ. އޭގެތެރޭގައި ފަލަސްތީނާއި އަލްގުދުސް އަޝް-ޝަރީފްގެ މައްސަލައިގެ ގަރާރަށް ގޮތެއް ނިންމުން ހިމެނެ އެވެ.

ދިވެހިރާއްޖެ އޯއައިސީގެ މެންބަރު ގައުމަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި 57 މެންބަރު ގައުމު ހިމެނޭ އޯއައިސީގައި ދިވެހި ރާއްޖެ ބައިވެރިވީއްސުރެ އަންނަނީ ހަރަކާތްތެރި މެންބަރެއްގެ ދައުރު އަދާކުރަމުންނެވެ.