ބޮލީވުޑްގެ އެކްޓަރު ޝްރެޔާސް ތަލްޕަޑޭއަށް ހާޓްއެޓޭކެއް ޖެހުނީ ކޮވިޑް 19އަށް ދިން ވެކްސިންގެ ސަބަބުން ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝްރެޔާސް ބުނީ އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަން ފާހަގަވާން ފެށީ ކޮވިޑް ވެކްސިން ޖެހި ފަހުން ކަމަށެވެ.

އެއާއެކު ޝްރެޔާސްވަނީ އޭނާއަކީ ސިއްހަތަށް ވަރަށް ބަލައިގެން އުޅޭ މީހެއް ކަމަށާއި އޭނާއަށް ހާޓްއެޓޭކެއް ޖެހެންވީ އިތުރު ސަބަބެއް ފާހަަގަނުވާ ކަމަށެވެ.

" އަހަރެން ދުންފަތުގެ އިސްތިއުމާލެއް ނުކުރަން، ރައެއް ނުބޮން، ކޮލެސްޓްރޯލް ލެވަލް ތަަންކޮޅެއް މަތިކޮށް ހުރީމަ އެކަމަށް ފަރުވާ ހޯދުމަށްފަހު ރަނގަޅުވި" ޝްރެޔާސް ބުންޏެވެ.

ޝްރެޔާސް ބުނީ ކޮވިޑް ވެކްސިންގެ "ސައިޑް އެފެކްޓްސް"ގެ ވާހަކަ އޭނާ އަޑުއަހާފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތެއް ކަމަށް ކުރިން ގަބޫލު ނުކުރާ ކަމަށެވެ.

ޝާރެޔާސްއަކީ ބޮލީވުޑްގެ ކޮމެޑީ ފިލްމުތަކުން ފެންނަ ތަރި އެކެވެ. އެގޮތުން "ގޯލްމާލް"، "ހައުސްފުލް 2" އަދި "އޯމް ޝާންތި އޯމް"އަކީ އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ.