ޑެންގީ ހުން ޖެހިގެން ތުއްތު ހަ ކުދިންނަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މިވަގުތު ޑެންގީ ޖެހިގެން ހަ ތުއްތު ކުދިންނަށް ފަރުވާ ދޭކަމަށެވެ. ހާލު ސީރިއަސްކަމުން އޭގެ ތެރެއިން ބައެއް ކުދިންގެ ގަޔަށް ލޭ ވެސް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެންގީއަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. މީގެކުރިން މި ބަލީގައި ކުޑަކުދިން މަރުވެފައިވެ އެވެ. އެހެންކަމުން މި ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ވެސް މި ދުވަސްވަރު އަންނަނީ ފެތުރެމުންނެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މި އަހަރުގެ އެޕްރިލް މަހާ ހަމައަށް އެބަލީގެ 134 ކޭހެއް ރިޕޯޓްކޮށްފައިވެ އެވެ.

ޑެންގީ ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10 ދުވަހުގެ ތެރޭގަ އެވެ.

ޑެންގީގެ އަލާމާތްތައް:

  • ގަދައަށް ހުން
  • އައުންބޮލުގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • މޭނުބައި ކުރުމާއި ހޮޑުލުން

ޑެންގީ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.