ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ފުލުހުން ނުގުޅާނެ ކަމަށާއި، އެހެންކަމުން މިގޮތަށް އަންނަ ފޯނު ކޯލުތަކަށް ސަމާލުވުމަށް ޝިފާން އިލްތިމާސް ކުރެއްވި އެވެ.

ފުލުހުންގެ ނަމުގައި ހިންގި ސްކޭމް ކޯލުތަކެއްގެ މައްސަލަ 2015 ވަނަ އަހަރު ވެސް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ގުޅަމުން ދިޔައީ މަކަރާ ހީލަތުން ފައިސާ ހޯދުމަށް ފުލުހުންގެ އެކި ތަހުގީގީ ޑިޕާޓްމަންޓުތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ނަމުގަ އެވެ.

ރާއްޖޭގައި އޮޅުވާލައިގެން ސްކޭމް ކޯލުތަކާއި މެސެޖްކުރާ މައްސަލަ ބޮޑުވެފައިވާއިރު، އޭގެ ތެރޭގައި ހައްޖު ޖާގަ ކަށަވަރުކުރުމާއި، ފްލެޓް ލިބުނު ކަމަށް ބުނެ ނުވަތަ ލަކީ ޑްރޯއަކުން އިނާމު ލިބުނުކަމަށް ބުނެ ކުރާ ކޯލްތަކާއި މެސެޖްތައް ވަރަށް ގިނައިން ފޮނުވަ އެވެ.