ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގެ ތެރޭގައި މީޑިއާއަކަށް އިނގިރޭސި ބަހުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހު ދެއްވި އިންޓަވިއުއެއް މާބޮޑަށް ކަމުގޮސްގެން އޭނާ އަށް އެތައް ބައެއްގެ ތައުރީފް އޮއްސި ނަމަ ވެސް އެއީ މީގެ ކުރިން ވެސް ގާބިލް އެތައް ކަމެއް ކުރައްވައި މަގްބޫލްކަން ހޯއްދަވާފައިވާ ޒުވާނެކެވެ.
ގިނަ ދިވެހިންނަށް ނޫރައިން އެނގިފައި ވަނީ އެމްއެމްޕީއާރްސީގެ ވަޒީފާއާ ހަވާލުވެވަޑައިގަތް ހިސާބުންނެވެ. ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމުގައި އެކި ހަފުލާތަކުގައި އޭނާ އިނގިރޭސި ބަހުން ދައްކަވާ ވާހަކައިގެ ފަރިތަކަމާއި ފުރިހަމަކަމަށް އެތައް ބައެއްގެ ލޯތްބާއި ތައުރީފް މިހާރު ދަނީ ލިބެމުންނެވެ. ދުބާއީގައި އޮތް ހަފުލާގައި ނޫސްވެރިޔާ ކުރި ސުވާލުތަކަށް އިނގިރޭސި ބަހުން ނޫރައިން ދެއްވި އަވަސް އަދި ހުޝިޔާރު ޖަވާބުތަކުން އޭނާގެ ބަސް މޮށުންތެރިކަމާއި ވާހަކަ ދެއްކުމަށް ފަރިތަކަން ފާހަގަކުރެވުނެވެ. އެގޮތަށް އެހާ ފަރިތަކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާލެވޭ ދިވެއްސަކު މަދުވާނެ އެވެ. ނޫރައިންގެ އިންޓަވިއުގެ، ހަމައެކަނި އަޑު އަހާލި މީހުންނަށް އެއީ ދިވެއްސެއް ނޫނޭ ވެސް ހީވެދާނެ އެވެ.
ނޫރައިންގެ އިނގިރޭސި ބަހުގެ އިންޓަވިއު އަށް މިހާ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިނގިރޭސި ބަހުން ދެއްވާ ތަގްރީރުތަކާއި އިންޓަވިއުތަކަށް ގިނަ ބަޔަކު ފާޑުކިޔައި ހަޖޫޖަހަމުންދާ ދުވަސްވަރަކަށް ވެސް ވުމާ އެކު އެވެ. ނޫރައިންގެ އިންޓަވިއު އަޑު އެހުމަށް ފަހު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި ބައެއް މީހުން ވަނީ ޓޫރިޒަމް މިނިސްޓަރަކަށް ގެންނަންވީ ނޫރައިން ކަމަށް ބުނެފަ އެވެ.
އަމީނިއްޔާ ސްކޫލްގައި ކިޔަވަން އުޅުމަށް ފަހު އުމުރުން 15 އަހަރުގައި އާއިލާއާ އެކު ނިއު ޒީލެންޑަށް ދިރިއުޅުން ބަދަލުކުރި، ރާއްޖޭގެ ވިޔަފާރި ވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ވިދުން ގަދަ ތަރިއެކެވެ. އެއީ ނިއު ޒީލެންޑުގައި ވެސް ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވައި އެތައް ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. ނިއު ޒީލެންޑުގެ ބައެއް އިންތިޚާބީ މަގާމުތައް ވެސް އޭނާ ވަނީ އާއްމުންގެ ވޯޓާ އެކު ކާމިޔާބުކޮށް، ލީޑާޝިޕް ދައްކަވައިފަ އެވެ. ނިއު ޒީލެންޑުގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި 2017 ވަނަ އަހަރު އޭނާ ހިމެނުނެވެ.
ދުނިޔޭގެ އެކި ގައުމުތަކުން ނިއު ޒީލެންޑަށް ޒިޔާރަތްކުރާ ހިޖުރަވެރިންނަށް އެ ގައުމުގައި ދިމާވާ ތަފާތު ކުރުންތައް ހައްލު ކުރުމަށް ނޫރައިން ވަނީ ސިޔާސީ ފަރާތްތަކާ ހަމައަށް އަޑު އުފުއްލަވައިފަ އެވެ. ނިއު ޒީލެންޑުގައި، ބޭނުމަށް ޖެހިފައިވާ މީހުންނަށް އަޅާލުމަށް، ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި ވެސް ނޫރައިން ވަނީ ނަމޫނާ ދައްކަވައިފަ އެވެ. އޭނާ އަންނަނީ ރާއްޖޭގައި ވެސް އެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.
ނޫރައިން އަކީ "އަޕް ސައިޑް ޑައުން އެޑިއުކޭޝަން ޓްރަސްޓް" ގެ ޓްރަސްޓީގެ ޓްރެޒަރާ އެވެ. ޖޫނިއާ ޗެމްބަރު އިންޓަނޭޝަނަލް (ޖޭސީއައި) ގެ އޭޝިޔާ ފެސިފިކް ރީޖަންގެ ރައީސްކަން މިހާތަނަށް ކުރެއްވި ހަތަރު އަންހެން ބޭފުޅުންގެ ތެރެއިން އެކަކީ ވެސް ނޫރައިންނެވެ. އޭނާ ހިންގަވައި "އޮތެންޓިސިޓީ އެން ޒެޑް" ޖަމިއްޔާއިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެދީ މަސައްކަތުގެ މައިދާނުގައި ކުރިއަށް ދާން ހިތްވަރުދެ އެވެ. ނޫރައިން ވަނީ 2017 ވަނަ އަހަރު ބޭއްވި "ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓް" ގައި ނިއު ޒީލެންޑް ތަމްސީލް ކުރައްވައި އަންހެނުން މަސައްކަތުގެ މައިދާނުގައި ކުލަ ތަފާތު ނުކުރުމަށް ގޮވާލައްވައިފަ އެވެ.
ނޫރައިން ރާއްޖެ އަށް ދިރިއުޅުން ބަދަލު ކުރެއްވީ އޭނާގެ ބައްޕަގެ ވިޔަފާރި، ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕް (ހަރިމް) ހިންގެވުމުގައި އެހީވުމަށެވެ. އޭނާ އަކީ މިހާރު އެ ކުންފުނީގެ ވައިސް ޗެއާ އެވެ.
ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާ އަދި އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން އެކައުންޓިންގެ ދާއިރާ އިން މާސްޓާސް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭނާ އަކީ ޗާޓަޑް އެކައުންޓެއްޓެއް ވެސް މެ އެވެ.
މަގޭ ދަރިވެސް މާސްޓާސް ހަދާފަ... ވަޒީފާ އަކަށް އެދި އެޕްލައި ކުރާތާ ފަސް މަސް ވީ.... މޮޅެތިމީހުންގެ ދަރީންނަށް މޮޅު ގޮތް....
އޭނާ ބޮޑުފުޅުވީ ނިއުޒިލޭންޑުގައި.. ދެން ވިލާތު ބަހަށް ފަރިތަ ނުވިއްޔާ އޭ އަޖާބެއްނު؟؟ ދިވެއްސަށް ވަރަށް ކޮށިފުޅުވާނެ.