އެއާޕޯޓް ހިންގުމުގެ އިތުރުން ރަށްރަށުގައި ފިޓްނަސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެމްއޭސީއެލް އަކީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އުފައްދާފައިވާ ކުންފުންޏެކެވެ. އެކަމަކު އެ ކުންފުނިން މިހާރު ވަނީ އެއާޕޯޓް ހިންގުމުގެ އިތުރުން ފިޓްނަސް ސެންޓަރުތައް އަޅަން ވެސް ނިންމާފަ އެވެ.
ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް ސެންޓަރުތައް އެޅުމަށް ސްޕޯޓްސް މިނިސްޓްރީން މިއަދު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.
ފިޓްނަސް ސެންޓަރު އަޅަން ސްޕޯޓްސް މިނިސްޓްރީން އެމްއޭސީއެލްއާ ހަވާލުކުރި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
ސަރުކާރު ކުންފުނިތަކުން ފަހަކަށް އައިސް އެ ކުންފުނީގެ މެންޑޭޓްގައި ނުހިމެނޭކަން ކަންކަން ކުރުމަށް އަންނަނީ ނިންމަމުންނެވެ. އެގޮތުން ބ. ކަމަދޫ ސްކޫލްގައި ދެ ކްލާސް ރޫމް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ވެސް ދާދިފަހުން ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ވަސީލަތްތައް ހުރި ކުންފުންޏެއް ނޫނެވެ.