ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އެ ކުދިން އިސްލާހު ކުރަން ވަކި ރަށަކަށް ގެންދަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އެކިއެކި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހެބިލިޓޭޓްކޮށް އެ ކުދިން އަނބުރާ މުޖުތަމައު އަށް ގެނައުން ކަމަށެވެ.
"އަޅުގަނޑުމެން މި ވިސްނަނީ، ރާއްޖޭގެ ވަކި ރަށެއް މިކަމަށް ކުދިން ރިހެބިލިޓޭޓް ކުރުމަށް ހާއްސަކޮށް، ސިފައިންނާއި ފުލުހުން، ކަމާ ބެހޭ އެހެން މިނިސްޓްރީތަކާ ގުޅިގެން ކުދިންނަށް ހިންގޭ ޕްރޮގްރާމެއް ހިންގުމަށް،'" އިހްސާން ވިދާޅުވި އެވެ.
އިހުސާންގެ ވާހަކައިގައި އެކަމަށް ކަނޑައެޅީ ކޮން ރަށެއް ކަމެއް އަދި ވިދާޅެއް ނުވެ އެވެ. އެކަމަކު، އިހުސާން ވިދާޅުވި ގޮތުގައި އެ ރަށަށް ކިޔަން ނިންމާފައިވާ ނަމަކީ "ހޯޕް އައިލެންޑް" އެވެ.
ޖިނާއީ އަދުލުގެ ގާނޫނުގައި ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން މިހާރު އޮންނަ އުމުރު 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. އިހުސާން ވިދާޅުވީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިކަމުގެ ބޭނުމަކީ ކުޑަކުދިން ޖަލަށްލައިގެން ގެންގުޅުން ނޫން ކަމަށާއި ވިސްނުމަކީ އެ އުމުރުގައި ކުށުގައި އުޅޭ ކުޑަކުދިން، ކުށުގެ ވެށިން ނަގައި، އެ ކުދިން ރިހަބިލިޓޭޓްކޮށް، މުޖްތަމައުއަށް ފައިދާ ހުރި، ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި އަނބުރާ ނެރެން ކުރާ މަސައްކަތަށް ގާނޫނީ ބާރު ހޯދުން ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، އެ ރަށުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ. އޭގެ ފަހުން އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ދޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަސްދުކޮށްފައި އޮތީ މި ރަށުގަ މި ކުދިން 18 އަހަރު ވަންދެން ގެންގުޅުން. ގެންގުޅެފައި އެކުދިން ފުލުހުންގެ ނުވަތަ ސިފައިންގެ ވަޒީފާ އަށް ނެގުން. މި ވަޒީފާގަ ވަކި ދުވަސްކޮޅެއް ވަންދެން ހުރުމަށްފަހު އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިޔުމަށް ފުރުސަތު ދެވިގެންދާނެ." އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ ތެރެއިން ދީނީ ތައުލީމާއި ރަސްމީ ތައުލީމާއި ކުޅިވަރު އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ އެވެ.