ބޮޑެތި ބަދަލުތަކާއެކު ގިނަ ދުވަހު ބޭނުންކުރެވޭ ގޮތަށް ރަސްމީ ފާލަން އަލުން ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މި މަސައްކަތަށް މިފާލަން ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މާލެއަށް އަރައިފައިބަން ބޭނުންކުރާ ރަސްމީ ފާލަން، "އިއްޒުއްދީން ފާލަން" މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއްވެފައި ވާތީ، މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. މިހާރު ހުރި ފާލަން ރޫޅާލުމަށްފަހު އަލުން ތަރައްގީކުރާ ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއ،ި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދެ އެވެ.

އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއ،ި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 11.7 މިލިއަން ރުފިޔާއަށް ޚަރަދުވާނެކަމަށް އެކުންފުނިން ބުނެ އެވެ.

ރަސްމީ ފާލަމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 270 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ އިއްޒުއްދީން ފާލަމަކީ، ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި، ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. މިއީ ވެރިރަށް މާލޭގެ މަލަމަތިން ފެނިގެންދާ އެންމެ މުހިންމު އެ ބިނާ ވެސްމެ އެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، އޭރު ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ބަދަލުގައި ޒަމާނީ ފަރުމާއަކަށް އިއްޒުއްދީން ފާލަން ޑިޒައިންކޮށްފައި ވަނީ ވެސް އެމްޓީސީސީ އިން އެވެ.

މި ފާލަން ޑިޒައިން ކޮށްފައި ވަނީ، ރިޔާ ނެގި ނާލު ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. އެއީ ބައްތެލީގައި ހުންނަ ކުޑަ ރިޔަލާއި މެދު ރިޔަލާއި ބޮޑު ރިޔާ ފެންނަ ގޮތަށެވެ. މި ފާލަމަކީ އެއް ފަހަރާ ފަސް އުޅަނދަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ފާލަމެކެވެ. ނަމަވެސް މިފަހަރުގެ ކުރެހުމުގައިވާ ގޮތުން އެ ރިޔާ ނަގައިފަ އެވެ.

ޢިއްޒުއްދީން ފާލަން ނިސްބަތްވާ އައްސުލްތާން ހަސަން އިއްޒުއްދީން ނުވަތަ ދޮން ބަންޑާރައިންނަކީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ރާއްޖޭގައި ހަތް އަހަރު ވަންދެން ރަސްކަން ކުރެއްވި ރަސްކަލެވެ.