ޑިޕްރެޝަނަކީ މިހާރު އާ ނަމެއް ނޫނެވެ. ނޭނގި ނަމަވެސް މިކަން ތަހައްމަލު ނުކުރާ މީހަކު ހުންނާނެހެން ވެސް ހިއެއް ނުވެ އެވެ. ތިރީގައި މިވަނީ ޑިޕްރެޝަންގެ ބައެއް ހައިރާންކުރުވަނިވި އަލާމަތްތަކެވެ.

1. ގައިގާ ރިއްސުން

ގައިގާ ރިއްސުމުގެ ޝަކުވާ އަކީ ޑިޕްރެޝަން ހުންނަ މީހުންގެ މެދުގައި އާންމު ކަމެކެވެ. ބުރަކަށީގައި ރިއްސުމާއި، ހުޅުތަކުގައި ރިއްސުމަކީ ޑިޕްރެޝަންގެ އަލާމާތެކެވެ. އަދި ފަރުވާ ނުދީ ދޫކޮށްލައިފިނަމަ ދާއިމީ ރިހުމެއް އުފެދިދާނެ ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގައިގާ ރިއްސުމާއި ޑިޕްރެޝަނާ ދެމެދު އޮންނަ ގުޅުމަކީ ޝެއާޑް ނިއުރޯލޮޖިކް ޕާތުވޭއެއް ކަމަށާއި ގައިގާ ރިއްސުން ގޯސްވާ ވަރަކަށް ޑިޕްރެޝަން އިތުރަށް ސީރިއަސްވާ ކަމަށެވެ.

2. ކިރިޔާ ކަމެއްވާ އިރަށް ރުޅި ގަދަވުން

ފަސޭހައިން ކުދި ކުދި ކަންކަމާއި ހެދި ރުޅިގަދަ ވާނަމަ މީ ޑިޕްރެޝަންގެ އަލާމާތަކަށް ވެދާނެ އެވެ.

3. ކުއްލިއަކަށް ބަރުދަން ބަދަލުވުން

ޑިޕްރެޝަންގެ ސަބަބުން ބައެއް މީހުންގެ ކެއުމުގެ އާދާތައް ބަދަލުވެ އެވެ. ބައެއް މީހުން ގިނައިން ކައިގެން ބަރުދަން އިތުރުވެ އެވެ. އަދި އަނެއްބައި މީހުން ކާ ހިތް ކެނޑި ބަރުދަން ލުއިވެ އެވެ.

4. ފެންވަރާ ހިތްނުވުން ނުވަތަ ހަނދާން ނެތުން

ޑިޕްރެޝަން ހުންނަ މީހުންނަށް ފެންވެރުން ކަހަލަ އާދައިގެ ކަމެއް ވެސް ބޮޑު ކަމަކަށް ވެދާނެ އެވެ. ނޫނީ އެކަން ކުރަން އެއްގޮތަކަށް ހަނދާން ވެސް ނުހުރެދާނެ އެވެ. ފެންވެރުން، ދަތް އުނގުޅުން، ހެނދުނު އެނދުން ތެދުވަން އުނދަގޫނަމަ އެއީ ޑިޕްރެޝަންއަށް ވެދާނެ އެވެ.

5. ކުދި ކުދި ކަންކަން ނިންމަން އުނދަގޫވުން

ޑިޕްރެޝަން ހުންނަ ނަމަ ކުދި ކުދި ކަަންކަން ނިންމަން ވެސް ވާނީ ބޮޑު ކަމަށެވެ. މިސާލަކަށް ކާން ބޯން ބޭނުންވާ އެއްޗެއް ވެސް ފަސޭހައިން ނިންމަން ނޭނގިދާނެ އެވެ. މިހެންވަނީ ޑިޕްރެޝަންގެ ސަބަބުން މީހާގެ ސިކުނޑީގެ މަސައްކަތުގެ ހަލުވިކަމަށް ބުރޫއަރާތީ އެވެ.

6. އަމިއްލަ މީހާ އަބަދު ކުށްވެރިކުރުން

ޑިޕްރެޝަން ހުންނަ މީހުންނަށް އަބަދުމެ އަމިއްލަ މީހާ ކުއްވެރިކުރެވެ އެވެ. ކިރިޔާ ކަމެއް ގޯސް ވިޔަސް މާ ބޮޑަށް އެކަން އިހްސާސްވެ އެވެ. އަބަދުމެ ކަންކަމަށް މާފަށް އެދެވެ އެވެ. މިއީ ވެސް ޑިޕްރެޝަންގެ އަލާމާތެކެވެ.