ރާއްޖޭގައި ފުރަތަމަ ފަހަރަށް ލީޑްލެސް ޕޭސްމޭކާ ލެއްވުމުގެ ދެ ޕްރޮސީޖާ ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކާމިޔާބުކަމާއެކު ކޮށްފި އެވެ.
މަތީ ފެންވަރުގެ ސިއްހީ ފަރުވާދޭ އެ ހޮސްޕިޓަލުން ބުނީ މިއީ ހިތުގެ ބަލިތަކަށް ރާއްޖޭގައި ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފޯރުކޮށްދެމުންދާ ފަރުވާއަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ފަރުވާއަށް ހާއްސަ ކެތް ލެބްގައި ކާޑިއޮލޮޖީ ޓީމުން ކުރިޔަށްގެންދިޔަ މި ޕްރޮސީޖާތަކުގައި، 79 އަހަރާއި 90 އަހަރުގެ ދެ ޕޭޝަންޓުންގެ ހިތުގެ ހިނގުން ރެގިއުލޭޓް ކުރުމަށް ލީޑްލެސް ޕޭސްމޭކާ ލައްވާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަރް ޖީ ވިދާޅުވި ގޮތުގައި މިއީ ޓްރީ ޓޮޕް ހޮސްޕިޓަލަށް އަދި މުޅި ދިވެހިރާއްޖެއަށް ވެސް ފާހަގަކޮށްލެވޭ ފަދަ މުހިއްމު މުނާސަބަތެއް ކަމަށެވެ. އަދި ލީޑްލެސް ޕޭސްމޭކާ ޕްރޮސީޖާ ތައާރަފް ކުރުމާއެކު، އިތުރު ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ކުރިން ދާން ޖެހިފައިވާ ޕޭޝަންޓުންނަށް ކާޑިއެކް ކެއާގެ ހިދުމަތް މިދަނީ ރާއްޖޭގައި ފުޅާކުރެވެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވީ މިކަމުގެ ސަބަބުން "ޕޭޝަންޓް އައުޓްކަމްސް" ރަނގަޅުވެ، ރާއްޖޭގައި ހިތުގެ ހިނގުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް، ފަރުވާ ހޯދުމަށް ހިނގާ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.
ލީޑްލެސް ޕޭސްމޭކާ ޓެކްނޮލޮޖީ
ލީޑްލެސް ޕޭސްމޭކާއަކީ ހިތުގެ ހިނގުން މަޑުކޮށްދިނުމަށް، ސީދާ ހިތުގެ ތެރެއަށް ލައްވާ "ސެލްފް ކޮންޓެއިންޑް" ކުޑަ ޑިވައިސްއެކެވެ. އާދައިގެ ޕޭސްމޭކާތަކާ ޚިލާފަށް، މިފަދަ ސެލްފް ކޮންޓެއިންޑް ޑިވައިސްތަކުން ކަރަންޓު ޖެނެރޭޓް ކުރުމަށް އިތުރު ބެޓެރި އަދި ނަރުތަކެއް ގުޅާފައި ނުހުންނާނެ އެވެ. މީގެ ސަބަބުން ޕޭސްމޭކާ ލައްވާފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
"މި ޓެކްނޮލޮޖީއިން ބަލިމީހާއަށް ގިނަ ގުނަ ފައިދާތަކެއް ކުރޭ. މިގޮތުން މިފަދަ ޕްރޮސީޖާ ތަކަކީ 'މިނިމަލީ އިންވޭސިވް'، އެއީ ކުޑަ އިންސިޝަންއަކުން ނިންމާލެވޭ ޕްރޮސީޖާއެއް، އެހެން ކަމުން ރިކަވަރީ ވަގުތު ކުރުވެ، ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދޭ. އަދި މާބޮޑު ލަކުނެއްވެސް ނުހުންނާނެ" ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މިގްދާދު ޝަރީފް ވިދާޅުވި އެވެ.
ޑރ. މިގްދާދު އާއެކު މި ޕްރޮސީޖާހެދުމުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑރ. އަމިތް އަގަރްވާލް، ވިޒިޓިންގް ކާޑިއޮލޮޖިސްޓް ޑރ. އަރުން ގޯޕީ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ހީވާގި ކެތްލެބް ޓީމުން ހަރަކާތްތެރިވެފައިވެ އެވެ.
ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް
މިނިމަލީ އިންވޭސިވް ޕްރޮސީޖާތަކަކީ އުމުރުން ދުވަސްވީ މީހުންނަށް މޭޖަރ ސާޖަރީއަކަށް ދިއުމުގެ ބަދަލުގައި ފަސޭހައިން ކޮށްލެވޭ ޕްރޮސީޖާތަކެކެވެ. މި ޕްރޮސީޖާގެ ކޮސްމެޓިކް އިމްޕެކްޓް ކުޑަވުމާއި ދެތިން ދުވަހެއްގެ ތެރޭގައި އާންމު ދިރިއުޅުމަށް ރުޖޫއަވެވޭތީ، މިފަދަ ޕްރޮސީޖާ ކުރާ މިންވަރު މިވަނީ ދުނިޔޭގެ ނިސްބަތުން ވެސް އިތުރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރު ޑރ. މްލާޑެން ނޯޓެކް ވިދާޅުވީ މި ކާމިޔާބީ ހާސިލްކުރެވުނީތީ ކާޑިއޮލޮޖީ ޑިޕާޓްމަންޓާމެދު ވަރަށް ފަޚުރުވެރިވާ ކަމަށެވެ.
"އެބޭފުޅުންގެ ތަޖުރިބާއާއި، ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު، ކާޑިއެކް ކެއާގެ އެންމެ ފަހުގެ ކުރިއެރުންތައް، އަޅުގަނޑުމެންގެ ޕޭޝަންޓުންނަށް، ރާއްޖޭގައި އަޅުގަނޑުމެން މިގެންދަނީ ފޯރުކޮށްދެމުން،" އޭނާ ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން، 2018 ވަނަ އަހަރުން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލް އިން މިގެންދަނީ ރާއްޖޭގެ ސިއްޙީ ދާއިރާގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ. ޒަމާނީ އަދި ޢީޖާދީ ޙިދުމަތްތައް ތަޢާރަފްކޮށް، މި ހޮސްޕިޓަލުގެ އަމާޒަކީ ދިވެހި ރައްޔިތުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ މިންވަރު ކުޑަކޮށް، ސިއްޙީ ފަރުވާއަށް ޚަރަދުތައް ކުޑަކުރުމެވެ.