އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ހަރުގެ ހިންގި ތަން މިހާރު ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ކުއްޔަށް ހިފައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހ. ވެޔޮވިލާ ޕީއެންސީން ކުއްޔަން ނަގާފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ.

ހ. ވެޔޮވިލާ އަކީ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ހަރުގެ ހިނގި ތަނެވެ.

އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި އަމަލީ ގޮތުން އުޅުނު ޝަފިއްޔާ ޒުބެއިރުގެ އެ ބިން، އެ ޕާޓީ އަތުން އަތުލީ ޑިމޮކްރެޓްސް އުފައްދައި އެ ޕާޓީގެ ހަރަކާތްތައް ހިންގުމަށެވެ.

ޑިމޮކްރެޓްސްގެ ޖަގަހައިގެ ގޮތުގައި، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ވެސް އެ ހަރުގެ އެ ޕާޓީން ބޭނުންކުރި އެވެ.

މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސަށް ލިބުނު ނާކާމިޔާބީއަށް ފަހު އެހަރުގެ ރޫޅާލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

މިހާރު ޕީއެންސީން އަންނަނީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ފަހަތުގައި ހުރުމަށް ފަހު ދެވަނަ ބުރުގައި އެމްޑީޕީ ނޫން ގޮތެއް ހޯދުމަށް ޝަފިއްޔާ ތާއީދު ކުރީ ރައީސް މުހައްމަދު މުއިއްޒު އަށެވެ.