ފަލަސްތީނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން އެ ގައުމަށް ނަސްރު ދިނުމަށް އެދި ދެ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން މަޣްރިބް ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ.

"މުސްލިމުންނަކީ އެއް ހަށިގަނޑެއް. އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހްލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު" ޝަހީމް ވިދާޅުވި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެކަމުގެ ބަދަލު ހިފަން އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. ހަމާސް އިން ދިން ކުއްލި އެ ހަމަލާގައި އިސްރާއީލްގެ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ ޣައްޒާ އިން 36،096 ރައްޔިތުން ޝަހީދުކޮށްލައި 81،136 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.