ދިވެހިން މިހާރު ގެންގުޅޭ ވެހިކަލްތަކުގެ ތެރެއިން ދޫކޮށްލަން ބޭނުންވާ ވެހިކަލްތައް ދޫކޮށްލާނެ ގޮތްތަކެއް ކަނޑައަޅައި "ބައިބެކް" ޕްރޮގްރާމެއް ގެންނަން ވިސްނަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ މިނިސްޓްރީން އެންމެ ފަހުން ދެއްކި ސާވޭއަކުން ދައްކާ ގޮތުން ވެހިކަލްތައް ދޫކޮށްލަން ބޭނުންވެފައި %18 އާއި %21 އާ ދެމެދުގެ މީހުން އެބަތިބި ކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް ހާއްސަކޮށް "ބައި ބެކް" ޕްރޮގްރާމެއް ތައާރަފް ކުރުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެހިކަލް ނަގަން ފަސޭހަ ސްކީމްތައް ތައާރަފްކޮށްފައިވާތީ ބޭނުންވާވަރަށްވުރެ އިތުރަށް މީހުން ވެހިކަލް ނަގާފައިވާ ކަމަށެވެ.

"އެއީ ވަރަށް ފަސޭހައިން ލިބޭ ސްކީމްތައް ހުރީމަ ނަގައިގެން ލޯނާއި މިކަހަލަ ދަތިތަކުގެ ތެރެއަށް ވަދެވިފަ ތިބި އެތައް ފަރާތްތަކެއް ތިބީމަ، ދެ ވެހިކަލެއް ތިން ވެހިކަލެއް އަތުގައި ހުރީމަ ދޫކޮށްލަން ބޭނުންވަނީ، އެހެންވީމަ އަޅުގަނޑުމެންނަނަށް ބައި ބެކް ޕްރޮގްރާމެއް ހެދިއްޖެނަމަ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށްތާ ބަދަލުވެގެން ދާނީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ގެންނާނީ "މާލެ ފަހި" ޕްރޮގްރާމްގެ ދަށުންނެވެ. "މާލެ ފަހި" ޕްރޮގްރާމް އަންނަ ހަފްތާގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.