ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ރާއްޖެ އިން އަޅާނެ ކަމަށާއި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ކުރަމުން އަންނަނީ އެހެން ގައުމުތަކަށް ވުރެ ގިނަ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެއިން އަބަދުވެސް ސްޓޭންޑް ނަގަމުންދާ ކަމަށެވެ.

"އެެއީ ކޮންމެ ފިޔަވަޅެއް ކަމަށް ވިޔަސް އެ ފިޔަވަޅެއް އެޅުމަށް އޮތީ ތައްޔާރަށް،" އިސްރައީލް ޕާސްޕޯޓު މަނާ ނުކުރާ ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ވެސް ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތް ފެށުނު ފަހުން ރާއްޖެއިން ބައިވެރިވި އެކިއެކި ޕްލެޓްފޯމްތަކުގައި ދަނީ ވަރަށް ބޮޑަށް އެކަމަށް ވަކާލާތުކޮށް އަޑު އުފުލަމުން ކަމަށް ހީނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލުމުގައި ދިވެހި ސަރުކާރުން އަބަދުވެސް އެންމެ ކުރީ ސަފުގައި ނިކުންނާނެ ކަމަށާއި މި ކަމުގައި ފަހަތަށް ނުޖެހޭނެ ހީނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ފަލަސްތީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކީ ބައިނަލްއަގްވާމީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހިއެއް ނުވޭ ރާއްޖެއިން ކުރަމުންދާ ވަރަށް އެހެން ގައުމަކުން މަސައްކަތް ކުރަމުންދާހެން." ހީނާ ވިދާޅުވި އެވެ.