ހުޅުމާލޭގައި ފްލެޓްތަކެއް އަޅައި ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލައި މަކަރާ ހިލަތް ހަދައިގެން ފިލައިގެން އުޅުނު ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ސްރީލަންކާއިން ހައްޔަކޮށްފި އެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަހުމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި ވަނީ 2019ވަނަ އަހަރުގެ އޭޕްރީލްގަ އެވެ.

އައްމަޓީ ލަންކާއިން ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ، ރެޑް ހައުސް، އަހުމަދު މޫސާ ހައްޔަރުކޮށްފައިވާކަން އިންޓަޕޯލް އިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން އިންޓަޕޯލްއާ ގުޅިގެން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސީލައިފްގެ އައްމަޓީގެ ހޯދަން އިންޓަޕޯލް އިން ނެރުނު ރެޑްނޯޓިސް

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އައްމަޓީގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވްމެބަރުގަ އެވެ.

ސީލައިފުން ހުޅުމާލޭގައި 3،000 އެޕާޓްމެންޓް އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ގަ އެވެ.

ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 ވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާއ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެޗްޑީސީން އިއުލާނުކުރި މަޝްރޫއެއްގައި ސީ ލައިފާ ހަވާލުކުރި 3،000 ހައުސިން ޔުނިޓްގެ މަސައްކަތް ނުކުރި ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ އޮތީ ނަގައިފަ އެވެ.

ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.