އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އަވަށްޓެރި ގައުމުތަކުގެ ވެރިންގެ ޝަރަފްގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ޖާފަތުގައި މޯދީގެ އެންމެ އަރިހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނެވުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
މޯދީ ހުވާ ކުރެއްވުމަށް ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަދި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖަގްނައުތު އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް ޕްރަޗަންޑާ އާއި ބޫޓާންގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ ބައިވެރިވެވަޑައިގެންނެވި އެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ރާޝްތުރަޕަތީ ބަވަންގައި އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫ ދެއްވާ ޖާފަތެއްގައި ވެސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މޯދީގެ އެންމެ އަރިހުގައި އެމަނިކުފާނުގެ ވާތް ފަރާތުގައި އިންނެވީ ރައީސް ޑރ. މުއިއްޒެވެ. އަދި މޯދީގެ ކަނާތް ފަރާތުގައި އިންނެވީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. މިކަން އިންޑިއާގެ މީޑިއާތަކުން ވެސް ފާހަގަ ކުރަން ވަނީ ފަށައިފަ އެވެ.
މޯދީ ވަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ ލީޑަރުންނާ އެކުގައި ބައްދަލު ކުރައްވައިފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި މޯދީ ވިދާޅުވީ ތިން ވަނަ ދައުރުގައި އިންޑިއާ އިން ގާތް ރަހްމަތްތެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނީ ހަމަޖެހުން ގާއިމު ކުރުމަށާއި ތަރައްގީ އާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމުގެ ދައުވަތު އަވަށްޓެރި ގައުމުތަކަށް ދިނީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "ސަގަރް" ވިސްނުމަށް އިންޑިއާއިން ދޭ އިސްކަމުގެ ސަބަބުންނެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނާއި ޗައިނާގެ ވެރިން ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އިންޑިއާ އިން ނުދެ އެވެ.
އިންޑިއާގެ އާންމު އިންތިހާބުގައި 543 ގޮނޑީގެ ތެރެއިން މޯދީގެ ބީޖޭޕީ އާއި ގުޅިފައިވާ ޕާޓީތަކުން ވަނީ 293 ގޮނޑި ހޯދައިފަ އެވެ. ބީޖޭޕީ އަށް އެކަނި 240 ގޮނޑި ލިބުނު އިރު، މިއީ އެ ޕާޓީން އުންމީދު ކުރި އަދަދެއް ނޫނެވެ. އިންޑިއާގެ އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކަށް ވަނީ 232 ގޮނޑި ލިބިފަ އެވެ.
މޯދީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރުކަން ތިން ދައުރު ކުރައްވާފައި ވަނީ ޖަވަހަރްލާލް ނެހްރޫ އެވެ. އެގޮތުން ނެހްރޫ ވަނީ 1947 ވަނަ އަހަރުން ފެށިގެން 1964 ގައި އަވަހާރަވުމާ ހަމައަށް ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.