މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ސޯލޯ ކޮންސެޓް "އީރާސް ޓުއާ" ނިމުމަކަށް އަންނަކަން އޭނާ ހާމަކޮށްފި އެވެ.
ޓޭލާ އެކަން އިއުލާން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ލަންޑަންގައި އޮތް އީރާސް ޓުއާގެ 100 ވަނަ ޝޯގަ އެވެ.
ޝޯގެ ތެރެއިން އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަމުން ޓޭލާ ބުނީ އީރާސް ޓުއާގެ ތަޖުރިބާއަކީ އޭނާއަށް ކުރެވުނު ތަފާތު އެހެން ނަމަވެސް އުފާވެރި ތަޖުރިބާއެއް ކަމަށެވެ.
އެހެން ނަމަވެސް ކޮންމެ ކަމަކަށް ވެސް ނިމުން އަންނަ ފަދައިން ވެސް އެ ޓުއާގެ ނިމުން ވެސް ކައިރިވެފައިވާ ކަމަށް ޓޭލާ ބުންޏެވެ.
2023 ވަނަ އަހަރުގެ މާޗް މަހު އީރާސް ޓުއާ ފެށުނު ފަހުން އެތައް ފަހަރެއްގެ މަތިން އެ ކޮންސެޓް ވަނީ އިތުރަށް ދިގު ދަންމައި ޝޯތައް އިތުރު ކޮށްފަ އެވެ.
ކާމިޔާބު ދޮޅު އަހަރަށްފަހު އީރާސް ޓުއާގެ އެންމެ ފަހު ޝޯ އޮންނާނީ ކެނެޑާގެ ވެންކޯވާގައި ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު އެވެ.