މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި އަޟްހާ އީދާއެކު އެހެން ދުވަހެއް ވެސް ފާހަގަ ކުރެވުނެވެ. އެއީ ބައްޕައިންގެ ދުވަހެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ބަފައިންގެ އަދާކުރާ ދައުރުގެ އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ އެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވުނެވެ.

ހަމަ އެގޮތަށް މެއި މަހުގެ 8 ވަނަ ދުވަހަކީ މަންމައިންގެ ދުވަހެވެ. އެ ދުވަހު މުޅި ސޯޝަލް މީޑިއާގައި އޮންނަނީ މައިންގެ ވާހަކަ އެވެ.

އެހެން ނަމަވެސް އުފެދޭ ސުވާލަކީ ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދޭން މައިންބަފައިން ވާ ގުރުބާނީ ފާހަގަކޮށް އޭގެ އަގުވަޒަން ކުރަން ވަކި ދުވަހެއް އޮންނަން ޖެހޭތޯ ކުރެވޭ ސުވާލެވެ.

މިކަމުގައި އެކި މީހުންގެ ހިޔާލު ވަރަށް ތަފާތެވެ. އެއްބަޔަކު މިކަމާ ދެކޮޅު ހަދާއިރު އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ވަރަށް މުހިއްމު ކަމެކެވެ.

މިކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ކޮންމެ ދުވަހަކީ ވެސް މައިންބަފައިންގެ އަގުވަޒަން ކުރަން ޖެހޭނެ ދުވަހެކެވެ. އަހަރުގެ އެއް ދުވަހު އެ މީހުންގެ އަގުވަޒަން ކޮށް ބާކީ ދުވަސްތަކުގައި އެމީހުން ބާކީ ކޮށްލުމަކީ އޮތް ގޮތެއް ނޫނެވެ.

އެހެން ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މައިންބަފައިންނަށް ހާއްސަކޮށް ދުވަހެއް ފާހަގަކޮށް އެމީހުންގެ އަގުވަޒަން ކުރުމަކީ އާއްމު ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން އެމީހުންނަށް ހާއްސަ ތަޖުރިބާއެއް ދިނުމަށް މުހިއްމު ކަމެކެވެ.

ކޮންމެއަކަސް މިއީ ދޭދޭ ފަރުދުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމެކެވެ. އެމީހަކަށް ފެންނަ ގޮތަކަށް ކަން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.