ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފަ އެވެ.

މިގޮތުން އަރިފަފޯސް އާއި ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދަތުރުމަތީގައި އާއި ހައްޖު/އުމްރާ އަދާ ކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ހަނދާން ކޮށްދިނެވެ.

ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބަލިތައް ތަހައްމަލުކުރާ މީހުން އެކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރި އެވެ.

ހައްޖު ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ހުން އައިސް ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ޖެހޭނެ އެވެ.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށް ބަލާއިރު ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުން، އަރާމުކުރުން، ހުންގަދަ ވެއްޖެނަމަ ގައިގައި ފެން ހޭކުން އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލާ ބޭނުން ނުކުރުން ހިމެނެ އެވެ.

މި އަހަރު ރާއްޖެ އިން ހައްޖުގެ އަޅުކަން އަދާކުރުމަށް 1،150 މީހުން ހައްޖަށް ދިޔަ އެވެ. ހައްޖުގެ އަޅުކަން ނުފެށެނީސް އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ.