ހޮލީވުޑްގެ ދެ ޝަހްސިއްޔަތުން ކަމަށްވާ ޓޮމް ކްރޫޒްއާއި އޭނާގެ ކުރީގެ އަންހެނުން ކޭޓީ ހޯމްސްގެ ދަރިފުޅު ސޫރީ ކްރޫޒްގެ ހައި ސްކޫލް ދަސްވެނިވުން ދާދި ފަހުން ވަނީ ބާއްވާފަ އެވެ.

އެ ހަފްލާއިން ގިނަ ބައެއްގެ ސަމާލުކަމަށް އައި ކަމަކީ ދަރިފުޅުގެ ހަޔާތުގައި އައި މުހިއްމު އެ ދުވަހު ޓޮމް އޭނާގެ ދަރިފުޅު ކައިރީގައި ނެތުމެވެ. އެއާއެކު ޓޮމް އެ މުނާސަބަތު ދޫކޮށްލަން ޖެހުނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރަން ފެށި އެވެ.

އެހިސާބުން ދެން މީޑިއާގެ ލޮލުގައި އަޅައިގަތީ އެ ސޫރީގެ ދަސްވެނިވުން އޮތް ދުވަހު ބޭއްވި ޓޭލާ ސްވިފްޓްގެ ކޮންސެޓްގެ ތެރެއިން ޓޮމް ފެނުމެވެ.

އެހެން ކަމުން ސޫރީގެ އެ ކާމިޔާބީގައި ހިއްސާވުމުގެ ބަދަލުގައި ޓޮމްއަށް މުހިއްމުވީ މިއުޒިކް ކޮންސެޓެއް ކަމަށް ބުނެ ގިނަ މީހުން އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

މި ހަފްލާގެ ތެރެއިން ފާހަގަވި އަނެއްކަމަކީ ސޫރީ އޭނާގެ ނަމުން ބައްޕަގެ ނަން ކަމަށްވާ "ކްރޫޒް" އުނި ކުރުމެވެ. ސްޓޭޖްގައި އޭނާއަށް ގޮވީ "ސޫރީ ހޯމްސް"ގެ ނަމުންނެވެ.

ޓޮމް ކްރޫޒް ޒަވާޖީ ހަޔާތުގެ ހަބަރުތައް މީޑިއާގައި ދެކެވެމުން އަންނައިރު ދަރިފުޅާއެކު އޮންނަ ގުޅުން ހީނަރުވަމުން އަންނަ ކަން ވެސް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.