މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އަހުލުވެރި ކުރުމަށް ދެވަނަ ފޯރަމެއް ބާއްވައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސް ނަގައިގެން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ފޯރަމްގައި ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ކުންފުނީގެ އިސް ބޭފުޅުންނާއި އެހެނިހެން ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މި ފޯރަމްގެ މަގުސަދަކީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން އެކުގައި މަޝްވަރާކޮށްގެން މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ އެކަންކަންކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ދެނެގަނެ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް ހޭލުންތެރިކުރުން ކަމަށް ވިދާޅުވި އެވެ. އެމްއޭސީއެލުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ފޯރަމް ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުﷲ ނަޒީރު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. މިގޮތުން ވަޒީފާދޭ ފަރާތްތަކުގެ ޒިންމާ އެފަރާތްތަކުން ފުރިހަމަ ގޮތުގައި އަދާކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުކުރެވުމުން ދިމާވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ސްޓޭޓް މިނިސްޓަރ ވަނީ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އަހުލުވެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މި ފޯރަމުގައި ދެ މައުޟޫއަކަށް ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެ އެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރުމަށް އުފެއްދުންތެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެންވަޔަރަމެންޓުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.

އަދި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްހަތުގެ މުހިންމުކަމުގެ މައްޗަށް ޚާއްސަ ޕްރެޒެންޓޭޝަނެއް އެމްއޭސީއެލްގެ ފަރާތުންވަނީ ހުށަހަޅައިފަ އެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ފޯރަމްގެ ތީމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ސިސްސިލާގެ ދަށުން ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.