ދުނިޔެ އޭގެ ޒާތުގައި އެނބުރޭ އެނބުރުން އަވަސްވަމުން އަންނާތީ ރެއަކާއި ދުވާލުގެ ދިގުމިނަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ރެއާއި ދުވާލު ދައުރުވުމުގައި ލައްވާފައިވާ އަޖާއިބު ކުރުވަނިވި ނިޒާމުގެ ތެރެއިން ދުނިޔެ އޭގެ ޒާތުގައި ބުރެއް ޖަހަން 24 ގަޑިއިރު ނަގަ އެވެ. އެއީ ރެއަކާއި ދުވާލުގެ ދިގުމިނެވެ.

އެހެން ނަމަވެސް ދުނިޔެ އެނބުރެމުން އަންނަ ސްޕީޑް އަވަސްވެފައިވާކަން ރެކޯޑު ކުރެވިފައިވާއިރު އޭގެ ސަބަބުން ރެއާއި ދުވާލުގެ ދިގުމިން ކުރުވެ ސިކުންތުތަކެއް އުނިވުން ގާތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެހެން ކަމުން މިހާރު ރެއަކާދުވާލުގެ ދިގުމިން ކަމުގައި ބަަލަމުން އަންނަ 24 ގަޑިއިރު ކުރުވެ ކުރިއަށް އޮތް ތަނުގައި އެ ދިގުމިން ކުރުވާނެ އެވެ.

ސައިންސްގެ އަލީގައި މިކަން ހޯދިފައިވަނީ ދާދި ފަހުން ނަމަވެސް މިކަމަކީ މީގެ 1400 އަހަރު ކުރިން ރަސޫލާގެ ހަދީޘް ބަސްފުޅެއްގައި އައިސްފައިވާ ކަމެކެވެ.

އެ ހަދީޘްގައިވާ ގޮތުން އަހަރެއްގެ ދިގުމިން މަހަކަށްވެ، މަހެއްގެ ދިގުމިން ހަފްތާއަކަށްވެ، ހަފްތާއެއްގެ ދިގުމިން ރެއަކާއި ދުވާލަކަށްވެ، ރެއަކާއި ދުވާލެއްގެ ދިގުމިން ގަޑިއިރަކަށްވެ، ގަޑިއިރެއްގެ ދިގުމިން ސިކުންތު ކޮޅަކަށް ވަންދެން ގިޔާމަތް ނުވާނެ އެވެ.