ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫ އަރަމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.

ކުއްލި މައްސަލައިގައި ބުނީ ރާއްޖޭގެ ގިނަ ބަޔަކަށް ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެ ކުންފުނިން އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫ އަރައި ފޫނުބެދޭ ފަދަ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

ފެނަކަ ހިންގުމުގައި އެކި ސަރުކާރުތަކުން އެކުންފުނި ހިންގުމަށް އިސްކޮށްފައިވާ ފަރާތަކުގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން އެކުންފުނިން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫ އަރައި ފޫނުބެދޭ ފަދަ ގެއްލުންތަކަކީ ރައްޔިތުންނާއި ގައުމީ މަސަލަހަތަށް ސީދާ އަސަރު ކުރަމުންދާ ބޮޑު މައްސަލައެއް ކަމުގައި އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފެނަކަގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ބެލުމުގެ ދަށުން ދަތުރުފަތުރަށް އެކަނި 100 މިލިއަން ވަނީ ހަރަދު ކުރި ކަމަށް ވިދާޅުވި އެވެ. އަދި ޖެނަރޭޓަރުތައް ސާވިސް ކުރަން 100 މިލިއަން ރުފިޔާ އާއި 60 މަޝްރޫއެއް ހިންގަން ވެސް އެ އަދަދަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކަ އިން އެސްޓީއޯ އަށް ދެ ބިލިއަން ދައްކަން ޖެހޭ އިރު 2019 ވަނަ އަހަރުން ފެށިގެން އެންމެ ފައިސާ އެއް ވެސް ނުދައްކާ ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުން އައިސް އެ ފައިސާތައް ބަރާބަރަށް ދައްކަން ފަށާފައިވާ ކަމަށާއި އެހެން ފަރާތްތަކަށް ފައިސާ ދިނުން ދަތިވަނީ އެހެންވެ ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އެ ކުއްލި މައްސަލައަކީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ސީދާ އަސަރު ކުރާ ބޮޑު މައްސަލައަކަށް ވާތި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމާއި ސަރުކާރުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް ހުށަހަޅާ މައްސަލައެއް ކަމަށް އޭގައިވެ އެވެ.