ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ހަރަދު ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަނުން މަރުހަބާ ކިޔައި، ޝުކުރު އަދާކޮށްފި އެވެ.
ޕީއެންސީއިން ނެރުނު ނޫސްބަޔާނުގައި ބުނީ ދައުލަތުގެ ހަރަދު ކުޑަކުރަން ރައީސް މުއިއްޒު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާއިރު، އިތުރު ފިޔަވަޅުތައް އަޅުއްވާނެކަން ވެސް ހާމަކުރެއްވި ކަމަށެވެ.
ރައްޔިތުންނަށް އޭގެއިން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕީއެންސީއިން ބުނީ އެކަމުގައި ރައީސްއާ އެކު ސަރުކާރު ކޯލިޝަނުން ސާބިތުވެ ތިބޭނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ރައީސް ނިންމެވިއިރު، ދުނިޔޭގެ އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު، 'ބީ މައިނަސް' އިން 'ސީސީސީ ޕްލަސް'އަށް އިއްޔެ ދަށްކޮށްފަ އެވެ. އެއީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
ރައީސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިއޭ މައްސަލައަކީ. އަދި ހަރަދު ކުޑަކުރީއެއްވެސްނޫން. ސިހުރު ހެދިމީހާނޫން ސިޔާސީމީހަކު މަދެއް ވީކީއެއްވެސްނޫން. އެއްވެސް ފިޔަވަޅެއްނޭޅޭ. ހަމަ އިޒްރޭލް ޕާސްޕޯރޓް މަނާކުރަން ކެބިނެޓުން ނިންމައިފިޔޭ ކިޔާފަ ނެރުނުގޮތަށް މީހުނަށް އޮޅުވާލަން ނެރުނު ސުރުހީއެއްތީ. ދެން މުސާރަދީފަަތިބޭ ބޮޓުންގަނޑު ހެސްކިޔާފަ ސޯސަލް މީޑިޔާގަ ފަތުރާލީމަ އިޒްރޭލް ޕާސްޕޯރޓް މަނާވީކަމަށް މީހުނަށް އޮޅުވާލިގޮތަށް ތިކަންވެސްދާނީ.