އާއްމުންގެ ތެރޭގައި މަޝްހޫރި ޝަހްސިއްޔަތަކު ގާނޫނީ ކުށެއްގައި ހައްޔަރު ކުރުމަކީ އާއްމު ގޮތެއްގައި ލަދުވެތި ކަމެކެވެ. އެފަދަ ކަންކަމާ ކުރިމަތިލާން ޖެހުނު މީހުން މީޑިއާއަށް ފިލައިގެން ވެސް އުޅެ އެވެ.

އެހެން ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ޓިމްބާލޭކް އަށް މިފަދަ ކަމެއްގައި ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ޖިނާއީ ކުށެއްގައި ހައްޔަރު ކުރެވުން އޭނާއަށްވީ މަޖަލަކަށެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މީޑިއާއަށް ފެތުރުނު ހަބަރަކީ މަސްތުގެ ހާލަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ތުހުމަތުގައި ޖަސްޓިން ހައްޔަރު ކުރެވުނު ހަބަރެވެ.

ރިޕޯޓުތައް ބުނީ ފުލުހުން އޭނާ ހައްޔަރުކުރިއިރު ހަމަ ބުއްދި ނެތް ކަމަށާއި މޫނާއި ލޯ ވެސް ރަތްވެފައި ހުރި ކަމަށެވެ. އަދި ހަށިގަނޑުން ރަލުގެ ވަސް ދުވި ކަމަށް ވެސްވެ އެވެ.

ފުލުހުންގެ ހައްޔަރަށް ގެންދެވުމަށްފަހު މާ ގިނައިރެއް ނުވެ އޭނާ ދޫކޮށްލި ނަމަވެސް އާއްމުންގެ ސަމާލުކަމަށް އެކަން އައިސް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އޭގެ ފަހުން ބޮސްޓޮންގައި ބޭއްވި ކޮންސެޓެއްގެ ތެރެއިން ޖަސްޓިން ވަނީ އޭނާއަށް ކުރެވުނު ތަޖުރިބާ މަޖަލަކަށް ހަދައި ޖޯކު ޖަހާފަ އެވެ. އެގޮތުން އެއްވެ ތިބި މީހުންނާ މުހާތަބުކޮށް އެރޭ އެއްގަމު އުޅަނދެއް ދުއްވާނެ އެއްވެސް މީހަކު ހުރިތޯ އޭނާ ސުވާލު ކުރި އެވެ.

ޖަސްޓިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށް އޭނާ ކަނޑައެޅިގެން ދެކޮޅު ހަދާއިރު އެ މައްސަލަ ފުލުހުން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.