މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އީރާސް ޓުއާގެ ތެރެއިން އަޔަލެންޑްގެ ވެރިރަށް ޑަބްލިންގައި ބޭއްވި އެންމެ ފަހު ކޮންސެޓުގައި މަޝްހޫރު އެތައް ބަޔަކު ބައިވެރިވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންސެޓުގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯތަކުންނާއި ވީޑިއޯތަކުން އޭގެ ތެރެއިން ބައެއް ތަރިން ފެނެ އެވެ.

އެގޮތުން ޓޭލާގެ ކޮންސެޓުގައި ބައިވެރިވި މަޝްހޫރު ފަންނާނުންގެ ތެރޭގައި ލަވަކިޔުންތެރިޔާ ސްޓީވީ ނިކްސްއާއި އެކްޓްރެސް ޖޫލިއާ ރޮބާޓްސް ފާހަގަ ކޮށްލެވެ އެވެ. އޭގެ އިތުރުން ވެސް ޓޭލާގެ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ ޓްރޭވިސް ކެލްސް ވެސް ވަނީ ކޮންސެޓަށް އައިސް ޓޭލާއަށް "ސަޕްރައިޒް"އެއް ދީފަ އެވެ.

މި ތަރިންނާއެކު ކޮންސެޓަށް އެއްވެ ތިބި ސަޕޯޓަރުންގެ ފޯރި ވަކިން ގަދަވެ ކޮންސެޓް އޮތް އަވީވާ ސްޓޭޑިއަމް ތަރުހީބުގެ އަޑުން ގުގުމާލި އެވެ.

ޓޭލާގެ އީރާސް ޓުއާގެ ކޮންސެޓުތައް އަދިވެސް ކުރިއަށް އޮތްއިރު އަންނަ ޑިސެމްބަރު މަހު އެ ޓުއާ ނިންމާލާނެކަން އޭނާ ވަނީ އިއުލާން ކޮށްފަ އެވެ.