ރަށްރަށުގެ ކަންހިންގުމުގެ ބާރު ފިނިކޮޓަރިއަށް ޖަމާކުރަން އެއްބަސް ނުވެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްޑީޕީގެ ރައީސް ޝާހިދު މިހެން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަވާނެ ކަމަށް މިރޭ ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ،
ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސްނުވެވޭނެ ކަމަށާއި ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.
ޕީއެންސީ އިން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އަދަދު ކުޑަކުރަން ޖެހޭކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްފި ނަމަ، ރައްޔިތުންގެ އަޑު ކެނޑިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޝާހިދުގެ އެކްސް ޕޯސްޓާއި ގުޅިގެން މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެކްސްގައި ރައްދު ދެއްވާ ޕޯސްޓެއް ކުރައްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ގައުމު ހިންގަން ނޭނގި ފިނިކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ އަބްދުﷲ ޝާހިދުމެންގެ ވެރިކަން ނިމުމަކަށް ގެނައީ ކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިޙްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.