ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ދީފި އެެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުވި އިއްޔެ ފޮނުވި ސިޓީގައިވާ ގޮތުގައި، އެެފްއޭއެމް އެކުލަވާލައިފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މި ވަގުތު އިތުރު ފިޔަވަޅުތަކެއް އެޅިފައިވުމާއެކު، ފަރިތަކުރުންތައް ފެށުން ދެ ހަފުތާ އަށް މަޑުޖައްސާލުމަށް ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި، ކްލަބުތަކުގެ ފަރިތަކުރުންތައް ފަށާނެ ދުވަހެއް އެފްއޭއެމް އިން ނިންމާނީ ކްލަބުތަކާ މަޝްވަރާކުރުމަށް ފަހު އެވެ.

"ކްލަބުތަކުން ބޭނުންވޭ ވީހާވެސް އަވަހަކަށް ފަރިތަކުރުންތައް ފަށަން. އެކަަމަކު ހާލަތަށް ވެސް ވިސްނާފައި، މިކަމާމެދު ގޮތެއް ނިންމުން ރަނގަޅު ގޮތަކީ،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ އޮފިޝަލެއް ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ކުރިއަށް ދަނިކޮށް، ލީގާއި ކްލަބުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލީ މި މަހުގެ ކުރީކޮޅެވެ. މިކަމާ ގުޅިގެން ކްލަބުތަކުން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާ ބައްދަލުކޮށް، ކްލަބުތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ލީގު ފެށުމުގެ މަގެއް ހޯދުމަށް، ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް ވެކްސިންގެ ފުރަަތަމަ ޑޯސް ވެސް ޖަހައިފަ އެވެ.