ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަނުން ބިނާކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ލަސްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، އެ މަޝްރޫއަށް ކުރިމަތިވި އިދާރީ އަދި ކުރެހުމުގެ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން އެ ކުންފުނި ކުށްވެރިކުރެވެން ނެތް ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެ ކުންފުނީގެ ދިފާއުގައި ވާހަކަދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާ ގުޅޭ އިދާރީ މަސައްކަތްތަކާއި އަދި މިސްކިތުގެ ޑިޒައިނާ ގުޅިގެން މަސައްކަތް ކުރިއަށްގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މިސްކިތް ނުނިމި ދިގުލައިގެންދާ މައްސަލާގައި ސޯޝަލް މީޑިއާގަޔާއި އެކި ތަންތަނުގައި އެސްޖޭ ކޮންސްޓްރަކްޝަން ކުށްވެރިކޮށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ޝަހީމް ވިދާޅުވީ، އެއީ ހަގީގަތުގައި ވެސް އެ ކުންފުންޏަށް ކުރިމަތިވި ހަގީގީ ދަތިތަކެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، އެ މަޝްރޫއު ވަރަށް ރަނގަޅަށް ދިރާސާކުރެއްވުމަށްފަހު، މިނިސްޓަރުގެ ހައިސިއްޔަތުން އެ ވާހަކަ ދަންނަވަނީ އެތަނުގައި ހުރި ހަގީގީ ދަތިތައް ބަލައި ގޮންޖެހުންތައް ވަޒަންކުރުމަށްފަހު ކަމަށެވެ.
އެގޮތުން މިސްކިތުގެ ކުރެހުމުގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިން އެ މިސްކިތް ޑިޒައިން ކުރެވިފައި އޮތް ގޮތުން އެތަނުގެ ގުއްބު ބިނާކުރަން އޮތީ މުޅި އިމާރާތް އެއްކޮށް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތަށް އެ މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ، ހުޅުމާލޭގައި ބިނާކުރި ވަށް މިސްކިތަށް ދިމާވި ފަދަ އިމާރާތުގެ އޮނިގަނޑުގެ ބޮޑެތި މައްސަލަތަކެއް އެ މިސްކިތަށް ވެސް ދިމާވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގައި ބައެއް ފަރާތްތަކުން އެ ކުންފުނި ކުށްވެރިކޮށް ސޯޝަލްމީޑިއާގަޔާއި އެކި ތަންތަނުގައި ވާހަކަދައްކާ. ހަގީގަތުގައި އަޅުގަނޑު މިނިސްޓަރުގެ ހައިސިއްޔަތުން ދަންނަވަނީ، އެ މަޝްރޫއު ރަނގަޅަށް ދިރާސާކޮށްފަ މި ދަންނަވަނީ ހަގީގަތުގައި އޭގައި މެދުވެރިވެފަ ހުރި ދަތިތައް. ހަގީގީ ދަތިތަކެއް،" ޝަހީމް ވިދާޅުވި އެވެ.
މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެހެނިހެން ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން، އިންޖިނޭރުންގެ އާ ނަޒަރިއްޔާތަކާ އެކު އެ ކުރެހުމަށް ބަދަލުތަކެއް ގެނެސް، ކުރިމަތިވި ހުރިހާ ގޮންޖެހުންތަކަކަށް މިހާރު ހައްލު ހޯދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިދާރީ އަދި ފަންނީ ހުރިހާ މައްސަލަތަކެއް ހައްލުކޮށް، މިހާރު އެ މިސްކިތުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ހާމަކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ކައިރީ، ސަލާޙުއްދީން ސްކޫލާ ޖެހިގެން އޮންނަ ބިމުގައި އެ މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކޮށްފައި ވަނީ ޖެނުއަރީ 2022 ގަ އެވެ.
އެސްޖޭ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ، މާލޭގެ ޒިކުރާ މިސްކިތް އެޅުމަށް އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެސްޖޭއިން ހުށަހެޅުމުން، ސަރުކާރާއެކު ކޯޓުން ބޭރުން ވެވުނު ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ ދަށުން 420 ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމަން ކަނޑައެޅި ނަމަވެސް، އެ މުއްދަތު ފާއިތުވެ ތިން އަހަރު ވެގެން ދިޔައިރު ވެސް މަސައްކަތް ނިމިފައެއް ނުވެ އެވެ. މިސްކިތް ނުނިމި ދިގުލައިގެން ދިއުމުގެ އިތުރުން، އެސްޖޭއިން އެ ސައިޓު އެހެން މަޝްރޫއުތަކަށް ގެންނަ މުދާ ބަހައްޓާ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަޝްރޫއު ނިންމުމަށް އެންމެ ފަހުން ދީފައިވާ ރަސްމީ މުއްދަތު ހަމަވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
ގެއްލުނު ދެ މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
