ބޭރުގައި ކިޔަވާ ދަރިވަރުންގެ އާއިލާތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީފި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝަހީދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ މި މައްސަލާގައި އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ސްކޮލަޝިޕްތަކުގައި އަދި ސްޓޫޑެންޓު ލޯނު ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭން ޖެހޭ ފައިސާ ޖަމާކޮށްނުދޭތީ، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މިއަދު މަޖިލީހަށް ހަށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ސަރުކާރު މެންބަރުން ބޭރުކޮށްލެއްވުމުން، މި ފެނުނީ އެ ދަރިވަރުންނާއި ދަރިވަރުންގެ ޢާއިލާތައް ތަހަންމަލުކުރަމުންދާ ދަތިތަކަށް ސަރުކާރު ބީރު ކަންފަތެއް ދިންތަން ކަމަށެވެ.

އެމްޑީޕީން މިއަދު ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް މަޖިލީހުގެ 59 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ސަރުކާރުން ދޫކޮށްފައިވާ ސުޓޫޑެންޓު ލޯނަށް ފައިސާ ދިނުން ލަސްވާތީ ކުދިން ބޭރު ގައުމެއްގައި ހާލުގައި ޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ފައިސާ ނުލިބި ޔުނިވާސިޓީތަކަށް ފައިސާ ދެއްކުން ލަސްވެ ދަރިންވަރުންނާއި އެކުދިންގެ ބެލެނިވެރިން ވަރަށް ހާލުގައި އުޅޭ ކަމަށެވެ. އަދި މިހާރުން މިހާރަށް ދަރިވަރުންގެ ފައިސާ ހަމަޖައްސާ ދިނުމަށް ގޮވާލެއްވި އެވެ.

ސަރުކާރުން ބުނަނީ ދަރިވަރުންގެ ސުޓޫޑެންޓް ލޯނާއި ސްކޮލާޝިޕް ފައިސާ ނުފޮނުވިގެން އުޅެނީ ޑޮލަރުގެ ދަތިކަމާ ހެދި ކަމަށެވެ.