އިދިކޮޅު އެމްޑީޕީން މަޖިލިހަށް މިއަދު ވެއްދި ކުއްލި މައްސަލަ ލަވެސް ބޭރު ކޮށްލައިފި އެވެ.

މިއަދު ހުށަހަޅާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިނުކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ އެކެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މައުރޫފް ވިދާޅުވީ ސިޔާސީ މަގާމުތައް 700 އިން ވުރެން މަދުކުރާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެއައްވުރެ މާގިނަ ސިޔާސީ މަގާމުތައް އުފައްދާފައިވާ ކަމަށެވެ.

"ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއް ނެތި މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރައާއެކު މުވައްޒަފުން އައްޔަންކޮށް އެތަކެއް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން ކަމުގައި ދަންނަވަން،" މައުރޫފް ވިދާޅުވި އެވެ.

އަދި އާރްޑީސީ އާއި މިފްކޯއިން އާދައިގެ އެތައް މުވައްފުން ވަކޮށްފައި ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި މުސާރައިގައި ހައްދެއް ނެތި މީހުން އައްޔަންކުރުމާއި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. މީގެ އިތުރުން އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަކިކުރުން ހުއްޓާލައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ވަޒީފާ އިއާދަކުރުމަށް ގޮވާލައިފަ އެވެ.