މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާގައި ގުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކުރުމާ ގުޅިގެން އެ ޕާޓީން އެކަން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީއެއްގެ ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއްވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފަ އެވެ.

އެމްޑީޕީން ބުނީ ރައީސްގެ މި ވައުދާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމާއި ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ވަޒީފާގެ ބިރުދެއްކުން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ގުރުއާން ކިޔެވުމުން ވަޒީފާއިން ވަކިކުރީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން އެވެ. އެޗްޑީސީން އޭނާއަށް މިއަދު ފޮނުވި ޗިޓްގައި ބުނެފައި ވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ދިމާވިޔަސް ވަގުތުން ވަޒީފާއަކުން ކަނޑައެއްނުލެވޭނެ އެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން ވަޒީފާއިން ވަކިކުރެވޭނީ ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެވެ.