ރައްޔިތުންގެ މަޖިލިހުގައި މިހާރު ރައްޔިތުންގެ އަޑު އިވުނަކަ ނުދެއްވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލާ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާދައިގެ މުވައްޒަފުން ވަޒީފާއިން ކެނޑުން ހުއްޓާލުމަށް ގޮވާލައްވައި މައުރޫފް ހުށަހެޅި ކުއްލި މައްސަލަވެސް ބޭރުކޮށްލާފައިވާ ކަމަށާއި މަޖިލިހުގައި ރައްޔިތުންގެ އަޑު މިހާރު އިއްވުމަށް ފުރުސަތު ނުދޭ ކަމަށެވެ.

"ސިޔާސީ ގިނަ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހައްދެއްނެތި މުވައްޒަފުން އިތުރުކޮށް ސަރުކާރުގެ ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ހުއްޓުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ކުއްލި މައްސަލަވެސް މިއަދު މަޖިލީހުން ބޭރުކޮށްލައިފި. ރައްޔިތުންގެ އަޑު މިހާރު މަޖިލީހުގައި އިވުނަކަ ނުދޭ" ޝާހިދު ވިދާޅުވި އެވެ.

މަޖިލިހުގެ ޖަލްސާގައި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. އަދި މަޖިލިހުގައި ތިއްބެވި 52 މެމްބަރުން ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ.

މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި މުސާރައިގައި ހައްދެއް ނެތި މީހުން އައްޔަންކުރުމާއި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. މީގެ އިތުރުން އާދައިގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަކިކުރުން ހުއްޓާލައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ވަޒީފާ އިއާދަކުރުމަށް ގޮވާލައިފަ އެވެ.