ކޮވިޑް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 12:22 ގައި މަރުވީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މަރުވި 61 ވަނަ މީހާ އެވެ.

ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު މަރުވީ 67 އަހަރުގެ ފިރިހެނެކެވެ.

ފެބްރުއަރީ މަސް ފެށުނު ފަހުން ކޮވިޑް ޖެހިގެން ރާއްޖޭގައި ޖުމްލަ ނުވަ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 59 އަހަރުގެ އަންހެނަކާއި، 78 އަހަރުގެ އަންހެނަކާއި، 77 އަހަރުގެ ފިރިހެނަކާއި، 60 އަހަރުގެ އަންހެނަކާއި، 84 އަހަރުގެ ފިރިހެނަކާއި، 70 އަހަރުގެ ފިރިހެނެއްގެ 63 އަހަރުގެ އަންހެނަކާއި 67 އަހަރުގެ މީހާ އެވެ. އަދި ރޭ މަރުވި 80 އަހަރުގެ މީހާ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް 133 މީހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ރާއްޖެ ތެރޭގައި މީހުން އުޅޭ ރަށްތަކުން މީހުން ޕޮޒިޓިވްވާ މިންވަރު އިތުރުއިރުވެ، އައްޑޫ އާއި ފުވައްމުލަކުގައި ވެސް ކޮވިޑްގެ އެކްޓިވް ކޭސް މިވަގުތު އެބަތިއްބެވެ.

ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ރާއްޖޭގައި މިހާރު ހަލުވިކޮށް ކުރިއަށްދެ އެވެ. މިގޮތުން މިހާތަނަށް 99،419 މީހަކަށް ވެކްސިން ދީފައިވެ އެވެ.