ކެފޭއަކުން ކެއުމަށް ފަހު ބިލަށް އެރި ފައިސާ ނުދެއްކި ދެ މީހަކު ދޫނި ކޮއްޓެއްގައި ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އާޓިފިޝަލް ބީޗުގައި ހުރި ބޮޑު ދޫނި ކޮށްޓެއްގައި އެ ދެ މީހުން ބަންދުކޮށްފައި ތިބި ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެ ކޮށީގައި އެ ދެ މީހުން ތިބީ ހުސްގަޔާ އެވެ.

ފުލުހުން ބުނީ ދެ މީހަކު ކޮށްޓެއްގައި ބަންދު ކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ. އެމީހުން އެކޮށީގައި ބަންދުކޮށްފައި ތިބީ ކެފޭއަކުން ކެއުމަށްފަހު ބިލު ދައްކަން ދެކޮޅު ހެދުމުން ޖެހުނު މައްސަލައެއްގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ދޫނި ކޮށީގައި އެ ދެ މީހުން ހައްޔަރު ކުރި މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

މީގެ ކުރިންވެސް އެކި މީހުންނަށް އަނިޔާ ކުރާ މައްސަލަތައް ސޯޝަލް މީޑިއާގައި ތިލަވެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް ފުލުހުން ބަލަމުން ދާއިރު ދާދި ފަހުން ވެސް ވަނީ މީހަކު ރަނީހުނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ.