ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް އައްޔަނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ގެ ނަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރު އަހުމަދު އަދުހަމް އަބްދުالله މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެ.

ހަބީބަށް ރުހުން ހޯއްދެވުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ މައްސަލަ ވަނީ ފޮނުވާފަ އެވެ.

ހަބީބު އަކީ އިލެކްޝަންސް ކޮމިޝަންއަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 13 މާރިޗު 2014 އެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ 2019 ގައެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައިވަނީ 2021 ގައެވެ.