މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ 60 މަޝްރޫއެއް ނުނިންމައި، އެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓް ހުސްކޮށްލި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ ފެނަކައިން ކުރިއަށް ގެންދިޔަ 60 މަޝްރޫއުއެއް ނުނިންމައި، ބަޖެޓް ހުސްކޮށްލި ކަމަށް ތުހުމަތުވާ މައްސަލަ ވަރަށް ތަފްސީލުކޮށް ބަލަމުން އަންނަ އިރު، އެކަމާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް މިހާރު ލިބިފައިވާ ކަމަށެވެ.
އެ މަޝްރޫއުތަކަކީ ފެނަކައިގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކަމަށް ޝަމާލް ވިދާޅުވި އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ތުހުމަތުވާ މީހުންގެ ބޭންކް ޓްރާންސްސެކްޝަންތައް ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ބަލައިގެން ނޫނީ އަޅުގަނޑުމެންނަށް އެބޭފުޅުން ނުހައްގު މުއްސަނދި ކަމެއް ލިބިފައި ހުރި ގޮތް ދެނެގަނެވޭކަށް ނެތް. ނުހައްގު މުއްސަނދިކަމެއް ލިބިފައިވޭތޯ ދެނެގަނެވެން އަންނާނީ އެ މައްސަލަ ތަކުގަ ހިމެނޭ މީހުންގެ ނެޓްވޯތު އެނަލިސިސް ހެދިގެން. އެބޭފުޅުންގެ ބޭންކް ޓްރާންސެކްޝަން ހިންގާފައިވާ ގޮތުގެ އެނަލިސިސްއެއް ހެދިގެން. އެ ބޭފުޅުންގެ މާލީ މަންފާގެ އެނާލިސިސްއެއް ހެދިގެން،". ޝާމިލް ވިދާޅުވި އެވެ.
މި މައްސަލައިގައި ފަސް ކުށެއްގެ ތުހުމަތު ކުރެވޭ ކަން ފާހަގަ ކުރައްވައި ޝާމިލް ވިދާޅުވި ގޮތުގައި އެ ކުށްތަކަކީ މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުމާއި ހިޔާނާތާއި ރިޝްވަތު އަދި ނުހައްގު މުއްސަނދިކަމެވެ.
ފެނަކައިގެ އެ ޕްރޮޖެކްޓްތަކަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ބަޖެޓް ކުރެވިގެން ފަށާފައިވާ 60 ޕްރޮޖެކްޓް ތަކެކެވެ. މީގެ ތެރެއިން ނިމިފައިވަނީ 14 ޕްރޮޖެކްޓެވެ.
މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭސީސީން އިއްޔެ ބުނެފައި ވަނީ، ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން އެ ކޮމިޝަނަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.