ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އިތުރުން އާއިލާގެ ބޭފުޅުންނަށާއި، އެބޭފުޅުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭން މިއަދު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މެމްބަރުންނާއި މެމްބަރުންގެ އާއިލާގެ އިތުރުން މެމްބަރުންނާ އެކު ދަތުރުކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ވީއައިޕީގެ ހިދުމަތް ދިނުމަށެވެ. މިކަން ފާސްކުރީ ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މެމްބަރުންނަށް ވީއައިޕީ ހިދުމަތްދޭ އުސޫލަށް ބަދަލު ގެންނަން ކޮމިޓީއަށް ހުށަހަޅުއްވާފައި ވަނީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އޭނާ ވިދާޅުވީ ނިމިދިޔަ 19 ވަނަ މަޖިލީހުން ވަނީ މެމްބަރުންނާ އެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެ ހިދުމަތް ދޭން ފާސްކޮށްފައި ކަމަށެވެ.

ކޮމެޓީގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ތާއީދު ކުރެއްވީ ކުރީގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައި އޮތުމުން، ހަމަ އެގޮތަށް ކޮމިޓީން ވެސް ފާސްކުރުމަށެވެ. ކޮމިޓީން ފާސްކުރި ނަމަވެސް އެކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބިގެންކަމަށް އިދާރީ މޭޒާ ހަވާލާދެއްވާ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ފާހަގަކުރެއްވި އެވެ.

2021 ވަނަ އަހަރު މި އުސޫލު ބަދަލުކޮށް މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖު ހިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން ފާސްކުރި އެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން އާންމުންގެ ނުރުހުމާއި ފާޑުކިޔުން ބޮޑުވެ ނިންމުން މުރާޖައާކުރަން އޭރު ނިންމި އެވެ.

ކުރިން ފެށިގެން މި އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބެ އެވެ. މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލް ކުރަނީ މަޖިލީހަށެވެ.