ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އިތުރުން އާއިލާގެ ބޭފުޅުންނަށާއި، އެބޭފުޅުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ހިދުމަތްދޭން މިއަދު އާންމު ކޮމިޓީން ފާސްކުރުމުން، ފާޑުކިޔުން އަމާޒުވެ ނިންމުން ބަދަލު ކޮށްފި އެވެ.

މިއަދު ނިންމި ނިންމުން އަނބުރާ ގެންގޮސް މެންބަރުންނާއި އެ އެބޭފުޅުންގެ އާއިލާތަކަށް އެކަނި ވީއައިޕީގެ ހިދުމަތް ބޭނުން ކުރެވޭ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން މިރޭ ބައްދަލުވުމެއް ބާއްވާ ވަނީ ފާސްކޮށްފަ އެވެ.

މިރޭ 9:00 ގައި ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އާންމު ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިއަދު މެންދުރު އެގޮތަށް ނިންމިނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން އެ ނިންމުން އަލުން މުރާޖައާ ކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލަފާ ދެއްވާފައިވާ ކަމަށެވެ.

ކޮމިޓީގެ މެންބަރުން ގައުމުގެ އިގްތިސާދީ ހާލަތު ހަނދުމަނެތި މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ ސަރުކާރު އިސްވެރިން ރައްޔިތުން ހަރަދު ކުޑަކުރުމަށް އަބަދުމެ ވިދާޅުވަމުން ގެންދަވާ ދުވަސްވަރެއްގަ އެވެ.