ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އާންމުންނާއި އެގައުމުގެ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 19 މީހުން މަރުވެއްޖެ އެވެ.
މުޒާހަރާތަކުގައި އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދެމުންނެވެ. މުޒާހަރާގެ ބައިވެރިން ވެސް ދަނީ ފުލުހުންނާ ކުރިމަތިލަމުންނެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ވަނީ މޮބައިލް އިންޓަނެޓްގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފަ އެވެ. ނަމަވެސް ހާލަތު އަދިވެސް އޮތީ ވަރަށް ނުތަނަވަސްކޮށެވެ.
މުޒާހަރާގައި މަރުވާ މީހުންގެ އަދަދު ގިނަވަމުން ދިއުމާ ގުޅިގެން ބަންގްލަދޭޝްގެ ލޯ މިނިސްޓަރު އަނީސުލް ހައްގު ވިދާޅުވީ މުޒާހަރާގެ ބައިވެރިންނާ އެކު މަޝްވަރާކުރުމަށް ސަރުކާރުގެ އޮފިޝަލުން ތިބީ ތައްޔާރަށް ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން އެކަމަށް އިންކާރު ކުރެ އެވެ.
މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ސަރުކާރަށް ތާއީދުކުރާ ދަރިވަރުންގެ ވިންގާއި ދެމެދު ހަމަނުޖެހުންތައް މިރޭ ވެސް ކުރިއަށް ދާއިރު، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ޕާކިސްތާނާ ދެކޮޅަށް 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމަކުރި ހަނގުރާމަވެރިންގެ އާއިލާތަކަށް ހާއްސަކޮށްފައިވާ ސަރުކާރުގެ ވަޒީފާގެ 30 އިންސައްތަ ކޯޓާ ދިނުމަށް އެ ގައުމުގެ ހައިކޯޓުން އަލުން އިއާދަކުރުމާ ގުޅިގެން، ޖުލައި މަހުގެ 1 ވަނަ ދުވަހު ސުލްހަވެރި އިހުތިޖާޖަކުން އެކަމާ ދެކޮޅު މުޒާހަރާތައް ފެށި އެވެ. މުޒާހަރާގެ ބައިވެރިން ބުނަނީ ކޯޓާއަކީ ވެރިކަން ކުރާ ޕާޓީގެ ބައިވެރިންނާއި ތާއީދުކުރާ މީހުނަށް ދޭން ހަމަޖައްސާ ކޯޓާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ގައުމުގެ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް މަދުވެމެވެ. އަދި މި ކޯޓާ ސިސްޓަމްގެ ސަބަބުން އިތުރަށް ފުރުސަތު ހަނިވެގެން ދާނެކަމަށް އެ މީހުން ބުނެ އެވެ. ބަންގްލަދޭޝްގެ 170 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.