މެލޭޝިޔާގައި ލޯކަލް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތާންގައި ބިދޭސީ ކައްކާއިން ބޭތިބުން މަނާ ކުރަން ހުށަހަޅައިފި އެވެ.

މެލޭޝިޔާގެ ސެލަންގޯރު ސްޓޭޓް ސަރުކާރުން އެ ގައުމުގެ ހާއްސަ ކެއުންތައް ވިއްކާ ހޮކާ ސްޓޯލްތަކުގައި މައި ކައްކާއިންގެ ގޮތުގައި ބިދޭސީން ބޭތިއްބުން މަނާކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

މި ނިންމުމުގެ ސަބަބުން މެލޭޝިއާގެ ކާބޯތަކެތީގެ އަސްލު ރަހަ އެގޮތުގައި ދެމެހެއްޓި ކުދި ވިޔަފާރިތައް ހިންގަނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުންކަން ކަށަވަރުވެގެންދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މެލޭޝިއަން ފެޑެރޭޝަން އޮފް ހޯކާސް އެންޑް ޕެޓީ ޓްރޭޑާސް އެސޯސިއޭޝަންގެ ރައީސް ދާތުކް ސެރީ ރޮސްލީ ސުލައިމާން ގަބޫލުކުރައްވާ ގޮތުގައި މިކަމުގެ ސަބަބުން މެލޭޝިއާގެ ކެއުންތަކުގެ ރަހަތަކަށް ބަދަލެއް ނައިސް އެއްގޮތެއްގައި ބެހެއްޓޭނެ އެވެ.

އެ ހުށަހެޅުމާއި ގުޅޭ ގޮތުން މީޑިއާއިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކެއްކުމުގެ އާދަކާދަ ދެމެހެއްޓުމަކީ އަހަރެމެންގެ މައްޗަށް އޮތް ކަމެއް ކަމަށެވެ. ރޮސްލީ ވަނީ ގައުމުގެ މީހުން މި މަސައްކަތްތަކަށް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައި ދުވާލަކު 100 އާއި 120 އާ ދެމެދުގެ އަދަދަކަށް ފައިސާ ދިނުމަށް ވެސް ލަފާ ދެއްވާފަ އެވެ.

މިދިޔަ ބުދަ ދުވަހު ސެލަންގޯރު ސްޓޭޓް އެސެމްބްލީގައި މިކަން ހުށަހަޅަމުން ބުނެފައިވަނީ ހޮކާ ސްޓޯލްތަކުގައި އެންމެ އިސް ކައްކާއިންގެ ގޮތުގައި ބިދޭސީންނަށް މަސައްކަތް ކުރުން މަނާކުރުމާ މެދު ދައުލަތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިއީ މިހާރު ވެސް ޕިނާންގް ގައި އަމަލުކުރަމުން އަންނަ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.

ޕިނާންގް އައިލެންޑް ސިޓީ ކައުންސިލް (އެމްބީޕީޕީ) އިން ބުނީ އަންނަ އަހަރުން ފެށިގެން ހުރިހާ ހޮކާ ސްޓޯލްތަކާއި ފުޑް ކޯޓުތަކާއި ކޮފީ ޝޮޕްތަކުގައި ވެސް ބިދޭސީ ކައްކާއިން ތިބުން މަނާކުރާނެ ކަމަށެވެ. މިހާރު މަނާކޮށްފައިވަނީ އެމްބީޕީޕީއަށް ނިސްބަތްވާ ހޮކާ ސެންޓަރުތަކާއި ފުޑް ކޯޓްތައް އެކަންޏެވެ.

2014 ވަނަ އަހަރު ތައާރަފްކޮށް 2016 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި މި ސިޔާސަތުގައި 13 ބާވަތެއްގެ މެލޭޝިޔާގެ ހޮކާ ފުޑް ހިމެނެ އެވެ.

ޖަލަން އެލޯ ޓްރޭޑާސް އެންޑް ހޯކާސް އެސޯސިއޭޝަންގެ ސެކްރެޓަރީ ސައިމަން އަންގް ވިދާޅުވީ މިކަމުގެ ސަބަބުން ކުއާލަލަމްޕޫރުގައި ވަރަށް ބޮޑަށް އާއްމުވެފައިވާ ވިޔަފާރިތައް ބޭރުގެ ފަރާތްތަކަށް ސަބްލެޓް ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސެލަންގޯރުން ދަނީ އެ އުސޫލަށް އަމަލުކުރާނެ ގޮތަކާއި މެދު ޕެނަންގްއާ މަޝްވަރާ ކުރުމަށް ރާވަމުންނެވެ. އާބާދީ ބޮޑު ސިޓީއެއް ކަމަށްވާ ޕެޓަލިން ޖަޔާގެ މެމްބަރު ލީ ޗޭން ޗުންގް ވިދާޅުވީ މިފަދަ ސިޔާސަތެއް ގެނައުމުގެ ކުރިން ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ.