އިއްޔެ ބޭއްވި 6 ދާއިރާގެ ބައި-އިލެކްޝަންގައި މަދު ބަޔަކު ވޯޓުލައިގެން ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރި އެއްވެސް ގޮނޑިއެއް ނުލިބެ އެވެ. ހުރިހާ ގޮނޑިތައް ނެގީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީންނެވެ.

މިކަމާ ގުޅިގެން ރޭގެ ބަގުތެއްގައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް ބައި-އިލެކްޝަންތަކުގައި ވާދަކުރި ޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.

"ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް, " ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމަށް ފަހު އިދިކޮޅު ޕާޓީގެ ގޮތުގައި ބައިވެރިވި މަޖިލިސް އިންތިހާބުން ވެސް އެ ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ. އޭގެ ފަހުން އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވެސް އެމްޑީޕީއަށް މިވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ޕާޓީގެ ލީޑާޝިޕަށް ފާޑު ކިޔަމުންނެވެ.