ރާއްޖޭގެ އިގްތިސާދުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހަރަދު ބޮޑުވުން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު ވަކި ކުރުމުގެ މައްސަލަ އަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ގަފޫރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވިއިރު، ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ކަމަށާއި ދުވަހަކު ވެސް ފަތުރުވެރިކަމުން އާމްދަނީ ނުވަންނަ ވަރަށް ފައިސާ ވަންނަމުން ދިޔަ ކަމަށެވެ.

ގަފޫރު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ބަދަލުވެގެން އައިއިރު، 34 ބިލިއަން ރުފިޔާގެ އާމްދަނީއެއް ރާއްޖެއަށް ވަންނަމުން ދިޔަ ކަމަށެވެ. އޭގެ ކުރިން ވަންނަމުން ދިޔައީ 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އިގްތިސާދީ އިންޑިކޭޓަރުތަކެއް ހުރީ ހަމަ ރަނގަޅަށް. ޓޫރިޒަމް ކުރިއަރަމުން ދިޔަ. ނަމަވެސް މިއަދު އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން ޖެހޭނެ ބަދަލުތަކެއް ނޫން. އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ. ރާއްޖޭގެ އިގްތިސާދުގައި އެއްވެސް މައްސަލައެއް ނެތް،" ގަފޫރު ވިދާޅުވި އެވެ.

ރާއްޖެ އަށް ވަންނަ އާމްދަނީގެ އެއްވެސް މައްސަލައެއް ނެތް އިރު، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ކުރެވޭ ހަރަދު ބޮޑުވުން ކަމަށް ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ، ފަހުގެ ތާރީހެއްގައި ސެންޓުރަލް ބޭންކްގެ ގަވަރުނަރު މަޖިލީހުން ބަދަލު ކުރުން ނުވަތަ އިތުބާރު ނެތް ކަމުގެ ވޯޓް ނަގައިގެން ފާސްކުރާ ކުރުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމެއް ކަމަށެވެ.