ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތައް ހާއްސަކޮށްގެން އުރީދޫއިން ކުރިއަށް ގެންދާ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނުކޮށްފި އެވެ.
އުރީދޫއިން ބުނީ ނޭޝަން އިންޓަ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވިފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަގަޅު މުބާރާތެއް ކަމަށްވެސް އުރީދޫން ބުނެ އެވެ.
އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު އެވެ. މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު، ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމަށް ދައުވަތު ދެމެވެ. ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ހުރިހާ ޓީމަކަށް 2 އޮގަސްޓް 2024 ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ އެވެ.
އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ. އީއޭއެފްސީ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000 ރުފިޔާ އެވެ.
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ): މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެ އެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ އެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 10،000 ރުފިޔާ އެވެ.
ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެ އެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000 ރުފިޔާ އެވެ.
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކޮށް މުބާރާތުގައި ބައިވެރިވުމަށް މިވަނީ ހުޅުވާލެވިފަ އެވެ. ރަޖިސްޓްރީކުރުމުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.