ނާސާގެ ދެ ސައިންސްވެރިޔަކު ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގައި "ތާށިވެ" ދުނިޔެއަށް އާދެވޭނެ ގޮތެއް ނެތި ދުވަސްތައް ގުނަމުން އެބަދެ އެވެ.

ބަޗް ވިލްމޯއާއި ސުނީ ވިލިއަމްސް ޖައްވީ ސްޓޭޝަނަށް ދަތުރު ފެށީ ޖޫން މަހުގެ ފަސްވަނަ ދުވަހު އޭގެ 8 ދުވަސް ފަހުން ދުނިޔެއަށް އެނބުރި އައުމަށެވެ. އެހެން ނަމަވެސް އެމީހުން ދަތުރުކުރި ސްޓާލައިނާގެ އުޅަނދުގައި މައްސަލަ ޖެހުމުގެ ސަބަބުން ތާވަލު ކުރެވިފައިވާ ދުވަހަށް އަނބުރާ ދުނިޔެއަށް ނާދެވި ޖައްވުގައި ތާށިވީ އެވެ.

އޭގެ ފަހުން ދެ މަސް ދުވަސް ވާން ކައިރިވެފައިވާއިރު އަދިވެސް އެ ދެމީހުންނަށް ދުނިޔެއަށް އާދެވޭނެ ގޮތެއް، ދުވަހެއް ނޭނގެ އެވެ.

ޖައްވީ ސައިންސްވެރިއެއް ކަމަށްވާ ޓޮމް ޕްލީކް ބުނެފައިވަނީ ކަން އެހެން އޮތް ނަމަވެސް ޖައްވުގައި ތިބި ދެ ސައިންސްވެރިންނަށް އެއްވެސ ނުރައްކަލެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޖައްވީ ސްޓޭޝަންގައި އެ ދެ ސައިންސްވެރިންނަށް ފުދޭވަރަށް ކާބޯތަކެތި ހުންނާނެ ކަމަށާއި އެއްވެސް ކަމަކަށް ދަތި ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ނާސާއިން މީގެ ކުރިން ބުނެފައިވަނީ ބަޗްއާއި ސުނީތާ އަނބުރާ ދުނިޔެއަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.