ވަކި ޕާޓީއެއްގެ ބަޔަކަށްވީތީ އެމީހުން މަސައްކަތްކުރަނީ ގައުމުގެ މިނިވަންކަން ނަގާލުމަށްކަމަށް ބުނެ ލޭބަލްކުރުން ހުއްޓާލަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީ އިން މިއަދު ހެނދުނު ގެނެސްދިން ހާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ނިމިދިޔަ ސަރުކާރުގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފްރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުންކަމަށެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން ކުރުން ހުއްޓާލަން ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

އެންމެންނަކީ ދިވެހިންކަމަށް އެއްބަސް ވެވެން ޖެހޭކަމަށާއި އަޅުގަނޑުމެން އެންމެންގެ މަގްސަދަކީ އިސްލާމް ދީން ހިމާޔަތްކޮށް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އަޅުގަނޑުމެން އެންމެންނަށް އެއްބަސްވެވެން ޖެހޭކަންކަންކަމަށް ޝާހިދު ވިދާޅުވި އެވެ.

މިފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތްކަމަށާއި އެވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަންދުވަހު އެކަމާ ދެކޮޅަށް ހަދަން ޖެހޭ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށާއި މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއްކަމަށް ޝާހިދު ވިދާޅުވި އެވެ.