މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 16 ބިދޭސީން އަތުލައިގެންފި އެވެ.

އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ކުރައަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ ހޯދާފަ އެވެ. އަދި ގަވާއިދާއި ހިލާފަށް ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވައި އެފަދަ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މިދިޔަ ހަފްތާގައި ވަނީ ލޯންޗުކޮށްފަ އެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް އާންމުންނަށް ވެސް ބިދޭސީންނާއި ގުޅޭ މިފަދަ މައްސަލަތަށް ރިޕޯޓް ކުރެވޭނެ އެވެ.