ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދިނުމަށް ގޮވާލަމުން އަލުން އެއްވުންތަށް ވަރުގަދަވެ، އެތައް ހާސް ބަޔަކު ނުކުމެ ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖަހައި ސްޓަން ގްރެނޭޑް ތަކެއް ގޮއްވާލުމުން 13 ފުލުހަކާއެކު 91 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ވެރިރަށް ޑާކާ އާއި އުތުރުގެ ޑިސްޓްރިކްޓްތައް ކަމަށްވާ ބޮގުރާ، ޕަބްނާ އަދި ރަންގްޕޫރުގެ އިތުރުން ހުޅަނގުގެ މަގޫރާ، އިރުމަތީގެ ކޮމިއްލާ އަދި ދެކުނުގެ ބަރިސަލް އަދި ފެނީގައި އާދީއްތަ ދުވަހު ވަނީ ފުލުހުންނާއި ޑޮކްޓަރުން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.
ބަންގްލަދޭޝް ފުލުހުންގެ އެޑިޝަނަލް ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް ވިޖޭ ބަސާކް ވިދާޅުވީ ފުލުހުންނަށް ހަމަލާ ދީފައި ވަނީ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ސިރާޖުގަންޖްގެ އެނާޔަތުޕޫރު ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.
ހަސީނާގެ އިސްތިއުފާއަށް މުޒާހަރާގެ ބައިވެރިން ގޮވާލަނީ ސަރުކާރުގެ ވަޒީފާތަކަށް ކޯޓާ ނިޒާމު ނިމުމަކަށް ގެނައުމަށް ގޮވާލައި މިދިޔަ ޖުލައި މަހު ދަރިވަރުން ފެށި މުޒާހަރާތައް އިތުރުވެ، 200 މީހުން މަރުވެ، ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެންނެވެ.
ހަސީނާ ވިދާޅުވީ މުޒާހަރާގެ ނަމުގައި ތަންތަން ހަލާކުކޮށް ހަމަނުޖެހުން ހިންގުމުގައި ބައިވެރިވާ މީހުންނަކީ މިހާރު ކިޔަވާ ކުދިން ނޫން ކަމަށާއި ކުށްވެރިން ކަމަށާއި ރައްޔިތުން އެމީހުންނާ މެދު އަމަލު ކުރަން ޖެހޭނީ ދަގަނޑު އަތުން ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ އިންޓަނެޓް ބޭނުންކުރުން ހުއްޓުވައި، ޝޫޓް އޮން ސައިޓް ކާފިއު އިއުލާނުކޮށްފަ އެވެ. ފާއިތުވި ހަފުތާތަކުގައި 11،000 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ބޮގުރާ، މަގުރާ، ރަންގްޕޫރު އަދި ސިރާޖުގަންޖް ޑިސްޓްރިކްޓް ހިމެނޭ ގޮތަށް މަދުވެގެން 11 ޑިސްޓްރިކްޓަކުން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިން ފުލުހުންނާއި ވެރިކަން ކުރާ އަވާމީ ލީގު ޕާޓީ އާއި އެ ޕާޓީއާ ގުޅުން ހުރި ޖަމިއްޔާތަކުގެ އެކްޓިވިސްޓުންނާ ކުރިމަތިލުންތައް ވަނީ ހިނގާފަ އެވެ.
އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެވަނީ އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ. ބަންގްލަދޭޝްގައި މިވަގުތު 119 ދިވެހިން ތިބިކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.