މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރެވޭގޮތަށް ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދަށް އިސްލާހު ގެނައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މި ގަވާއިދުގައި ކުރިން އޮތް ގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސް އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފަކަށް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.

މި ގަވައިދު އިސްލާހުކޮށް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ވަނީ ގެޒެޓްކޮށްފަ އެވެ. އެ އިސްލާހާއެކު ބޭންކުތަކާއި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ބޯޑުގައި ސިޔާސީ މުވައްޒަފުނަށް ތިބެވޭނެ އެވެ.

ބޭންކް ފަދަ މާލީ އިދާރާތަކަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާ ވެގެން ހިންގަން ޖެހޭ ތަންތަންކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެމްއެމްއޭގެ މި ނިންމުން ބަދަލުކުރަން ޖެހޭ ކަމަށެވެ. މިއީ ކުރީގެ ހުރިހާ ސަރުކާރުތަކުން ވެސް ހިފަހައްޓަމުން އައި ހަމައެއް ކަމަށާއި ކޯޕަރޭޓް ގަވަނަންސް އުސޫލު ހިންގަން ޖާގަ ދޭން އޭނާ ގޮވާލެއްވި އެވެ.

އަމީރު ވިދާޅުވީ ޒަމާނުއްސުރެ މިގޮތަށް އޮތް ގަވާއިދެއް ކުއްލިއަކަށް ބަދަލު ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

"އަސްލު ހީވަނީ ބޭންކް އޮފް މޯލްޑިވްސްގައި ސިޔާސީ ނުފޫޒު ހިންގަން މަސައްކަތް ކުރެވެނީ. ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ސްޓޭޓް މިނިސްޓަރު ލެވަލްގެ މީހުން އައްޔަނުކޮށްފައި ސީދާ ސަރުކާރުގެ ނުފޫޒު ބޭންކް އޮފް މޯލްޑިވްސްއަށް ހިންގަން،" އަމީރު ވިދާޅުވި އެވެ.

ބޭންކު ފަދަ މާލީ އިދާރާތަކަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާ ވެގެން ހިންގަން ޖެހޭ ތަންތަން ކަމަށް ވިދާޅުވެ އަމީރު ވަނީ އެމްއެމްއޭގެ މި ނިންމުން ބަދަލުކުރަން ގޮވާލައްވައިފަ އެވެ. އަދި މިއީ ކުރީގެ ހުރިހާ ސަރުކާރުތަކުން ވެސް ހިފަހައްޓަމުން އައި ހަމައެއް ކަމަށް ވިދާޅުވެ ކޯޕަރޭޓް ގަވަނަންސް އުސޫލު ހިންގަން ޖާގަ ދޭން އޭނާ ގޮވާލެއްވި އެވެ.

އެމްއެމްއޭ އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން އެ އިދާރާގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނެސްފައި މިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އާ ގަވަރުނަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެވެ. އެމްއެމްއޭގެ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރޭގައި އެސިސްޓެންޓް ގަވަރުނަރުންގެ ބަދަލުގައި މެނޭޖިން ޑިރެކްޓަރުން ތިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.