ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމުން އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޖިހާދަކީ ސަރުކާރުން އުފައްދާފައިވާ އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަނެވެ.

އޭނާގެ މައްޗަށް ދައުވާކުތީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ނިންމާފައިވެ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް އިއްޔެ ހުށަހެޅީ އެ މައްސަލަ އަލުން ބަލަން އަމުރުކޮށްދޭން އެދި އެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ އެދުނީ ކްރިމިނަލް ކޯޓުގެ ނިންމުމުގެ އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކޮށްފައިނުވާތީ ކަމަށެވެ.

ޖިހާދުގެ އަތުން 1.1 މިލިއަން ހޯދުމަށް ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެއީ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.